ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށައެޅޭ މައްސަލަތަކާ ގުޅިގެން ތައްޔާރުކުރާ އަދި އެއްކުރާ ލިޔެކިޔުންތައް ނައްތާލެވޭ ޙާލަތްތަކެއް ކަނޑައަޅައިފިއެވެ.
މި ހާލަތްތައް ކަނޑައެޅުމަށް ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު ވަނީ އިސްލާހުކޮށްފައެެވެ. މިއީ މި ގަވާއިދު އިސްލާހުކުރި ފުރަތަމަ ފަހަރެވެ.
މި ގަވާއިދުގައިވާ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ތައްޔާރުކުރާ ލިޔެކިޔުންތަކާއި އެއްކުރާ ލިޔެކިޔުންތައް ކަނޑައެޅޭ ނިޒާމުގެ ތެރެއިން ރައްކައުކޮށް ބަލަހައްޓަންޖެހެއެވެ. އެގޮތުން ޖިނާއީ ބޮޑު ކުށެއް ނުވަތަ ޖިނާއަތުގެ ދަރަޖައިގެ ކުށް ހިމެނޭ މައްސަލަތައް 8 އަހަރު ދުވަސް ވަންދެން ބަލަހައްޓަންޖެހޭނެއެވެ. އަދި ޖުނަޙުގެ ދަރަޖައިގެ ކުށް ހިމެނޭ މައްސަލަތައް 3 އަހަރު ދުވަސް، ދަޢުވާކުރަން ފޮނުވިފައިވާ މައްސަލައެއްނަމަ، ޝަރީޢަތުން ގޮތެއް ނިމެންދެން ނުވަތަ އިސްތިއުނާފުގެ މަރުޙަލާތައް ނިމެންދެން ބަލަހައްޓަންޖެހެއެވެ. ގަވާއިދު ކުރިން އޮތް ގޮތުން މި މުއްދަތުތަކަށް ރައްކާތެރިކުރާ ލިޔެކިޔުން ނައްތާލެވޭނެ ހާލަތްތަކެއް ބަޔާންކޮށްފައެއް ނޯވެއެވެ.
ނަމަވެސް މިހާރު ހުށައަޅާފައިވާ އިސްލާހުގައިވާ ގޮތުން ޖިނާއީ މައްސަލައެއްގައި ދަޢުވާ ނުކުރެވޭނެކަމަށް ޕްރޮސކިއުޓަރ ޖެނެރަލް ނިންމައިފިނަމަ، އެ ނިންމުން ނިންމި ތާރީޚުން ފެށިގެން 1 އަހަރުދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ލިޔުންތައް ނައްތައިލުމަށް، ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ވެރިޔާއަށް ނިންމިދާނެކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން ތަޙުޤީޤު ނިމިފައިވާ ޖިނާއީ މައްސަލައެއްގައި، އެ މައްސަލައަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ނުހިމެނޭ އަދި އެ މައްސަލައިގައި ދަޢުވާ އުފުލޭނެ މިންވަރަށް ހެކި ލިބިފައިވާ މައްސަލައަކަށް ނުވާނަމަ، އެ މައްސަލައިގެ ބާވަތަށާއި ވަށައިގެންވާ ކަންކަމަށް ރިއާޔަތްކުރާއިރު، އެފަދަ ހެއްކެއް އަލުން ލިބިދާނެކަމަށް ނުބެލެވޭކަމަށް އެ މައްސަލައެއް ތަޙުޤީޤުކުރި ފަރާތާއި އެ ފަރާތުގެ ސުޕަވައިޒަރަށް ޤަބޫލުކުރެވޭކަން ބަޔާންކޮށް ލިޔުމުންކުރާ އެންޑޯޒްމަންޓަކަށް ބިނާކޮށް، އެ ސަބަބުގެ މައްޗަށް ރިއާޔަތްކޮށް، އެ މައްސަލައެއް ފައިލްކުރެވުނު ތާރީޚުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ލިޔުންތައް ނައްތައިލުމަށް، ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ވެރިޔާއަށް ނިންމިދާނެކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މި ގަވާއިދަށް ގެނައި އިސްލާހުތަކަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.