މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަންގެ ރައީސަކަށް އެ ކޮމިޝަނުގެ މެމްބަރު މުޙައްމަދު ފަރުޞަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.
މީޑިއާ ކޮމިޝަންގައި މަޖިލީހުން އާންމުކޮށް ހުޅުވާލައިގެން އައްޔަން ކުރެއްވި 3 މެންބަރުންނާއި ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން އިންތިޚާބު ކުރެއްވި 4 މެންބަރުން ތިއްބަވައެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަންވެސް ކުރައްވާފައިވާ ފަރުޞަތަކީ މަޖިލީހުން މީޑިއާ ކޮމިޝަނަށް އައްޔަން ކުރައްވާފައިވާ ބޭފުޅެކެވެ.
މުޙައްމަދު ފަރުޞަތަކީ ޓޫރިޒަމް މެނޭޖްމަންޓްގެ ދާއިރާއިން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ވެސްޓް މިންސްޓަރ އިން މާސްޓާރސް ޑިގްރީ ޙާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އިނގިރޭސިވިލާތުގެ ނޮދަމްބްރިޔާ ޔުނިވަރސިޓީން ބެޗެލަރ އޮފް އާރޓްސް (އޮނަރސް) ޙާޞިލް ކުރައްވާފައެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ 5 އަހަރުގެ މުއްދަތުގެ އިތުރަށް އޭނާވަނީ ހިންގުމުގެ ދާއިރާގައި 15 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ.
މީޑިއާ ކޮމިޝަންގެ ރައީސަކަށް މުޙައްމަދު ފަރުޞަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރީ އެކޮމިޝަނުގެ 7 މެންބަރުންނާވެސް އިންޓަވިއު ކުރުމަށްފަހުއެވެ.
ކޮމިޓީން ފަރުޞަތުގެ ނަން ފާސްކުރިޔަސް، ކޮމިޝަނުގެ ރައީސަކަށް އޭނާ އައްޔަންކުރާނީ މަޖިލީހުގެ ތަޅުމުގައި އޭނާގެ ނަމަަށް ވޯޓަށް އަހައި، ފާސްވުމުންނެވެ. މީޑިއާ ކޮމިޝަނުގެ ރައީސް މަޖިލީހުން އައްޔަންކުރިނަމަވެސް، އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރާނީ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މި ޤާނޫނާއި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ސުލޫކީ މިންގަނޑުތަކާއި ޤާނޫނުގައި ބަޔާންކުރާ އުސޫލުތަކާ ޚިލާފަށް ޢަމަލުކުރާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންނާ ގުޅޭގޮތުން ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރަންޖެހޭނެއެވެ. އަދި އެކަންކަން ބަލައި، ސުލޫކީ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކުން ޚިލާފުވި ޚިލާފުވުން ބަލައި ފިޔަވަޅު އެޅުމަކީ ކޮމިޝަނުގެ މަސްއޫލިއްޔަތެކެވެ.