ޚަބަރު

އެމްއޭސީއެލްއިން ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ތައްޔާރުވަނީ


  • ކޮންމެ އަހަރެއްގެވެސް ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއްކުރޭ

މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ފަށައިފިއެވެ.

ޕީކް ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް ފެށުމުގެ ގޮތުން އެމްއޭސީއެލްގެ ހުރިހާ ޑިޕާޓްމަންޓެއް ހިމެނޭގޮތަށް ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

އެމްއޭސީއެލްއިން ވިދާޅުވީ މި ބައްދަލުވުމުގެ މަގުސަދަކީ ޕީކް ސީޒަންގެ އޮޕަރޭޝަންސްތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމުގައި ޑިޕާޓްމަންޓްތަކަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާއި އެ ކަންކަމަށް ހުށަހަޅާ ހައްލުތަކާއި މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް އެއް ޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުންކަމަށެވެ.

މި ބައްދަލުވުން ފައްޓަވައިދެއްވަމުން އެމްއޭސީއެލްގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) މުހައްމަދު މިހާދު ވިދާޅުވީ, ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ބައްދަލުވުމަކީ އެމްއޭސީއެލްގައި ބާއްވަމުން އަންނަ އެންމެ މުހިންމު ބައްދަލުވުންކަމަށެވެ.

މިހާދު ވިދާޅުވީ, އެމްއޭސީއެލްއިން ހިދުމަތް ހޯދާ ފަރާތްތަކަށް, އެ ފަރާތްތަކުން ބަލައިގަންނަ ފެންވަރަށް ނުވަތަ އެއަށްވުރެވެސް މަތީ ފެންވަރަށް ހިދުމަތް ދިނުމަށް ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓަކާއި މުވައްޒަފުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެކަމަށްޓަކައި ކުންފުނީގެ ހުރިހާ ވަސީލަތްތަކާއި މުވައްޒަފުންނާއި އެ މުވައްޒަފުންގެ ވިސްނުންވެސް ބަދަލުވާން ޖެހޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އެމްއޭސީއެލްގެ އިސްވެރިންނާއި އެމްއޭސީއެލްގެ ޑިޕާޓްމަންޓްތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮންމެ އަހަރެއްގެވެސް ފިނި މޫސުމާއި އާ އަހަރުގެ ފެށުން ދިމާވާ ދުވަސްވަރަކީ އެއަރޕޯޓަށް އެންމެ ބާރުބޮޑު ދުވަސްވަރެވެ. އެގޮތުން މިދިޔަ އަހަރުގެ ޕީކް ސީޒަންގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް 7,558 ފްލައިޓް އޮޕަރޭޓް ކުރިއެވެ. އެހެންކަމުން ކޮންމެ އަހަރެއްގެވެސް ޕީކް ސީޒަނަށް އެއާޕޯޓުގެ ހިދުމަތްތައް ދިނުމުގައި އަވަސް ކުރުމަށް އެމްއޭސީއެލް އިން ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.