ޚަބަރު

އައްޑޫ ވޯޓުގެ ވަގުތީ ނަތީޖާ: ހުޅުދޫއާއި މީދުއަށް ވަކި ކައުންސިލެއް، ފޭދޫ ސިޓީ ކައުންސިލާއެކު


  • ވޯޓުލުމުގެ ހައްގު ލިބިފައިވާ 9576 މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 4513 މީހުން

އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ނެގި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ވަގުތީ ނަތީޖާ އިޢުލާންކުރައްވައިފިއެވެ.

އައްޑޫ 3 ރަށެއްގެ ރައްޔިތުންގެ މެދުގައި މިއަދު ނެގި ހިޔާލު ހޯދުމުގެ ވޯޓަކީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާގޮތް ބަދަލުކޮށް، އެ އަތޮޅުގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ނެގި ވޯޓެކެވެ. އަދި މިވޯޓަކީ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވަކި ޤާނޫނެއް ހަދައިގެން، އެ ޤާނޫނުގެ ދަށުން ނެގި ޚިޔާލު ހޯދުމުގެ ފުރަތަމަ ވޯޓެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރެއްވި ވަގުތީ ނަތީޖާ ދައްކާގޮތުން އައްޑޫގެ ހުޅުދޫއާއި މީދޫ ރައްޔިތުންގެ އަޤްލަބިއްޔަތު ތާޢީދުކޮށްފައިވަނީ ސިޓީ ކައުންސިލުން ވަކިވެ، އެ ދެ ރަށަށް ވަކި ދެ ރަށު ކައުންސިލް އުފެއްދުމަށެވެ، ނަމަވެސް ފޭދޫ މީހުންގެ އަޤްލަބިއްޔަތު ތާއީދުކޮށްފައިވަނީ ސިޓީ ކައުންސިލާއެކު ދެމިތިބޭށެވެ.

ވޯޓުގެ ތަފްސީލީ ނަތީޖާއަށް ބަލާއިރު ސިޓީ ކައުންސިލުން ވަކިވެ، ހުޅުދޫއަށް ވަކި ރަށު ކައުންސިލެއް އުފެއްދުމަށް ވޯޓުގައި ބައިވެރިވި 1069 މީހުންގެ ތެރެއިން 723 މީހަކު ވަނީ ތާޢީދުކޮށްފައެވެ. ސިޓީ ކައުންސިލުން ވަކިވުމަށް ނުފެންނަކަމަށް ވޯޓުދީފައިވަނީ 329 މީހުންނެވެ.

ހުޅުދޫއަށް ވަކި ރަށު ކައުންސިލެއް އުފެއްދުމަށް

  • ފެންނަކަމަށް 723 ވޯޓު
  • ނުފެންނަކަމަށް 329 ވޯޓު
  • ސައްހަ 1052 ވޯޓު
  • ބާތިލު 17 ވޯޓު
  • ޖުމްލަ 1069 ވޯޓު
  • ވޯޓުލުމުގެ ހައްގު ލިބިފައިވާ 2874 މީހުން
  • ވޯޓުލީ މީހުންގެ އަދަދު 1069 (%37.2)


ސިޓީ ކައުންސިލުން ވަކިވެ، މީދޫއަށް ވަކި ރަށު ކައުންސިލެއް އުފެއްދުމަށް ތާއީދުކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 1008 މީހުންގެ ތެރެއިން 847 މީހުންނެވެ. ސިޓީ ކައުންސިލުން ވަކިވުމަށް ނުފެންނަކަމަށް ވޯޓުދީފައިވަނީ 144 މީހުންނެވެ.

މީދުއަށް ވަކި ރަށު ކައުންސިލެއް އުފެއްދުމަށް

  • ފެންނަކަމަށް 847 ވޯޓު
  • ނުފެންނަކަމަށް 144 ވޯޓު
  • ސައްހަ 991 ވޯޓު
  • ބާތިލު 17 ވޯޓު
  • ޖުމްލަ 1008 ވޯޓު
  • ވޯޓުލުމުގެ ހައްގު ލިބިފައިވާ 2347 މީހުން
  • ވޯޓުލީ މީހުންގެ އަދަދު 1008 (%42.95)


ފޭދޫއަށް ވަކި ރަށު ކައުންސިލެއް އުފެއްދުމާއި ގުޅޭގޮތުން ނެގި ވޯޓުގައި ބައިވެރިވި 2436 މީހުންގެ ތެރެއިން 1784 މީހަކު ވޯޓު ދީފައިވަނީ ސިޓީ ކައުންސިލުން ވަކިވުމަށް ނުފެންނަކަމަށެވެ. ސިޓީ ކައުންސިލުން ވަކިވާން ފެންނަކަމަށް ވޯޓުދީފައިވަނީ 616 މީހެކެވެ.

ފޭދުއަށް ވަކި ރަށު ކައުންސިލެއް އުފެއްދުމަށް

  • ފެންނަކަމަށް 616 ވޯޓު
  • ނުފެންނަކަމަށް 1784 ވޯޓު
  • ސައްހަ 2400 ވޯޓު
  • ބާތިލު 36 ވޯޓު
  • ޖުމްލަ 2436 ވޯޓު
  • ވޯޓުލުމުގެ ހައްގު ލިބިފައިވާ 4355 މީހުން
  • ވޯޓުލީ މީހުންގެ އަދަދު 2436 - (%55.94)


ވަގުތީ ނަތީޖާ ދައްކާގޮތުން މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 9576 މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 4513 މީހުންނެވެ.

އިލެކްޝަންސް ކޮމިޝަނުން މި ވޯޓުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާންކުރުމާއެކު ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ކައުންސިލްތައް ބަދަލުކުރުމުގެ މަސައްކަތް ފެށިގެންދާނެއެވެ. ބެލެވޭގޮތުގައި އައު ކައުންސިލްތައް އުފެދިގެންދާނީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބާއެކުގައެވެ.

އައްޑޫގެ ރަށްރަށުގެ މެދުގައި ވަކި ކައުންސިލްތަކެއް އުފެއްދުމާ މެދު ވޯޓެއް ނެގީ ބައެއް ރަށްރަށުން މައި އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ވަކި ރަށު ކައުންސިލެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާގެ ކިބައިން އެދިފައިވާތީއެވެ. ނަމަވެސް މި ވޯޓުގައި ސަރުކާރުން ވަކި ގޮތަކަށް ތާޢީދުކޮށް، ވަކާލާތުކޮށްފައެއް ނުވެއެވެ.