މާލޭގައި އަލަށް ހަދާ ވަޤްފު ޢިމާރަތްކަމަށްވާ "ދާރުލްއަރްޤަމް" މަސައްކަތް ކުރުމަށް ރަޝީދު ކާޕެންތަރީ އެންޑް ކޮންސްޓްރަކްޝަނާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި އާރްސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އާދަމް ރަޚީމްއެވެ.
12 ފަންގިފިލާއަށް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުޤަމް ވަޤުފް އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކުރެވޭ ޢިމާރާތެކެވެ. މި އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑުގައި ޕާކު ކުރެވޭ ގޮތަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެއެވެ. މީގެ އިތުރުން އިމާރާތުގެ ދެވަނަ ފަންގިފިލީގައި ކޮންފަރެންސް ހޯލެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާއިރު ދެ ހުރި ފަންގިފިލާތަކުގައި ޒަމާނީ އޮފީސް ބައިތަކާއި މީޓިންގ ރޫމުތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރި ހުންނާނެއެއެވެ. މީގެ އިތުރުން އިމާރާތުގެ ރޫފްޓޮޕަކީ އޯޕަން ޓެރަސްއެއް ގޮތުގައި ޤާއިމްކުރާ ބައެކެވެ.
މީގެ އިތުރުން އިމާރާތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާއިރު ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ އިންތިޒާމް ޤާއިމް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ވަޤުފު އިމާރާތް ތަރައްޤީކުރުމަށް އާރްސީސީއާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢުއަށް 39.4 މިލިޔަން ޚަރަދުވެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫޢަށް ފަންޑު ކުރަނީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުންކަމަށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މި މަޝްރޫޢު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާ އިސްލާމީ ދާއިރާއަށް އޭގެ މަންފާ ލިބެން ފެށުމަކީ ކުރެވޭ އުންމީދެއްކަމަށެވެ. ވަޒީރު ވިދާޅުވީ އެ އިމާރާތުން ލިބޭ ނަފާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޤުފު ފަންޑަށާއި ޒަކާތު ފަންޑަށްވެސް ވަކި އިންސައްތައެއް ޚާއްސަކޮށްފައިވާކަމަށެވެ.
"މި މަޝްރޫޢުއަކީ ވަޤުފު ފަންޑާއި ޒަކާތު ފަންޑު ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢުއެއް. ކުރިއަށް އޮތް ދުވަސްތަކުގައި ސިޓީތަކުގައިވެސް މިފަދަ މަޝްރޫޢޫތައް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައި. މިސްކިތްތަކާ ގުޅޭ ކަންކަމާއި ޤުރުއާން ކްލާސްތައް ކުރިއަށްގެންދިޔުމުގައިވެސް ޚަރަދުތައް ބޭނުންވޭ. މިހުރިހާ ޚަރަދެއް ދަޢުލަތުގެ ބަޖެޓަށް އެކަނި ބާރޯސާ ނުވެ އެހެނިހެން ވަޞީލަތްތަކުން ޚަރަދުތައް ލިބިގަތުމަކީ ވަރަށް މުހިއްމު ކަމެއް." އިސްލަމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ވަޤުފާއި ބެހޭ ޤާނޫނެއް ވުޖޫދު ކުރުމަށް މަސައްކަތްކުރަމުންދާކަމަށާއި، މި ޤާނޫނު ފަރުމާ ކުރެވިގެންދާނީ ސަރުކާރުގެ އިތުރުން އަމިއްލަ ފަރާތްތަކަށްވެސް ވަޤުފް އިމާރާތްތައް ބިނާ ކުރެވޭނެ ގޮތަށްކަމަށެވެ.
"ދާރުލްއަރްޤަމް" މަޝްރޫޢު ނިމުމާއެކު އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. އެގޮތުން މި އިމާރާތުން އަހަރަކު 10 މިލިއަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވޭއިރު އާމްދަނީގެ %20 ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި އާމްދަނީގެ %80 އިސްލާމިކް ވަޤުފް ފަންޑަށް ޖަމާކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ރާއްޖޭގައި ވަޤުފް ފަންޑު އިތުރަށް ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށް ގެންދެވޭ މުހިއްމު މަޝްރޫއުއެކެވެ.
ދާރުލްއަރުޤަމްގެ އިތުރުން ހުޅުމާލޭގައި ވަޤުފް އިމާރާތަކާއި، މާލޭގައި ކީރިތި ޤުރުއާނަށް ޚާއްސަ ވަޤުފް އިމާރާތެއް އެޅުމަށް ހަމަޖެހިފައިވެއެވެ. އަދި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީގެ އަދި ގއ. ވިލިނގިލީގައި ވަޤުފް މަޝްރޫޢު ފެށުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދާދިފަހުން ނިންމަވާފައެވެ. މި މަޝްރޫޢުތަކަކީ ދިވެހިރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ މަޝްރޫޢުތަކެކެވެ.