ޚަބަރު

އިންޑިގޯއިން ޓްރިވެންޑްރަމުން މާލެއަށް ކޮންމެ ދުވަހަކު ދަތުރުތައް ބާއްވަނީ


  • ޓްރިވެންޑްރަމަކީ އިންޑިގޯއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށި ހަތަރުވަނަ ސިޓީ

  • މި ރޫޓުގައި އިންޑިގޯއިން ބޭނުންކުރަނީ އޭޓީއާރު 72-600 މަރުކާގެ ބޯޓު

އިންޑިއާގެ އެންމެ ބޮޑު އެއް އަމިއްލަ އެއާރލައިން ކަމަށްވާ އިންޑިގޯއިން، ޓްރިވެންޑްރަމާއި މާލެއާ ދެމެދު ކޮންމެ ދުވަހަކު ދަތުރުތައް ބޭއްވުމަށް ނިންމައިފިއެވެ.

މި ދަތުރުތައް ފެށުމަށް ނިންމީ އިންޑިއާއާއި މާލެއާ ދެމެދު ދަތުރުކުރާ ފަރާތްތަކުގެ ޑިމާންޑް އިތުރުވެފައިވާތީ އެކަމަށް ބެލުމަށްފަހުކަމަށް އިންޑިގޯއިން ބުނެއެވެ.

ޓްރިވެންޑްރަމަކީ އިންޑިގޯއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށި 4 ވަނަ ސިޓީއެވެ. މީގެ ކުރިން އިންޑިގޯއިން އަންނަނީ ބެންގަލޫރު، ކޮޗިން، އަދި މުމްބާއީއަށް ދަތުރުތައް ބާއްވަމުންނެވެ. މިހާރު އިންޑިގޯއިން މާލެއާއި އިންޑިއާ އާ ދެމެދު ހަފްތާއަކު ޖުމްލަ 28 ފްލައިޓް ބާއްވަމުންދެއެވެ.


މި ރޫޓުގައި އިންޑިގޯއިން ބޭނުންކުރަނީ އޭޓީއާރު 72-600 މަރުކާގެ ބޯޓެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް މެންދުރު 12:00ހާއިރު ފްލައިޓް ޓްރިވެންޑްރަމުން ނައްޓާލާނެކަމަށާއި، މި ފްލައިޓު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް 13:15ހާއިރު ޖައްސާނެކަމަށް އިންޑިގޯއިން ބުނެއެވެ. އަދި އެނބުރި ޓްރިވެންޑްރަމަށް ދާން މާލެއިން ފުރަނީ 14:05ހާއިރު ކަމަށްވެސް އިންޑިއޯއިން ބުނެއެވެ.

އަވައްޓެރި އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން ކުރިއަށް އޮތީ ފަތުރުވެރިކަމުގެ ހައި ސީޒަންކަމުން، އިންޑިއާގެ އެކި ކަންކޮޅުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މި ދަތުރުތަކާއެކު އިތުރުވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް އިންޑިގޯއިން ބުނެއެވެ.

އިންޑިގޯއިން ޓްރިވެންޑްރަމުން މާލެއަށް ޑެއިލީ ދަތުރުތައް ފަށާފައިވާއިރު، ރާއްޖޭގެ ޤައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަނުން މިހާރުވެސް އިންޑިއާގެ ޓްރިވެންޑްރަމަށް ސީދާ ދަތުރުތައް ބާއްވަމުންދާކަން ފާހަގަކޮށްލެވެއެވެ.