ޚަބަރު

ކުރެންދޫ ރައްޔިތުން ބޭނުންވާގޮތަށް ޅޮސްއަލަފުށި ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސައިދޭނަން: ރައީސް


  • ރައީސް މިހެން ވިދާޅުވީ ކުރެންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން

ޅ. ކުރެންދޫ ރައްޔިތުން އެދުނުގޮތަށް އެރަށް ކައިރީގައިވާ ޅޮސްއަލަފުށި ރަށުގެ ބައެއްގެ ގޮތުގައި ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޅ. ކުރެންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރެންދޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބިމުގެ ޖާގައިގެ ދަތިކަންކަމަށެވެ. އެހެންކަމުން މި މައްސަލަ ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރަށުގައި ހައުސިންގ މަޝްރޫއެއް ހިންގަން ބެލިނަމަވެސް ޖާގަނެތްކަމަށާއި، މިހާރު އެރަށުގައި ކުރިއަށްގެންދާ 50 ހައުސިން ޔުނިޓަކުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ލިބިގެން ނުދާނެކަމަށެވެ. އެހެންކަމުން އެރަށް ކައިރީގައި އޮތް ޅޮސްއަލަފުށި އެރަށުގެ ބަޔަކަށް ހެއްދެވުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދު އެގޮތަށް ކުރިއަށްދާކަމަށެވެ.

"އަޅުގަނޑު ވާނީ ރައްޔިތުންނަށް ދަންނަވާފައި މިތާކައިރީގައި އޮތް ޅޮސްއަލަފުށި މިރަށުގެ ބަޔަކަށް ހެދުމަށް މަސައްކަތް ކޮށްދޭނެކަމަށް. އެ މަސައްކަތް ކުރަމުން މިދަނީ. އިނގިވަޑައިގަންނަވާނެފަދައިން އެރަށަކީ ކުރީގެ ސަރުކާރަކުން އެހެން މަޝްރޫއެއްގެ ބޭނުމަކަށް ހަވާލުކޮށްފައި އޮތް ރަށެއް. އެހެންވީމަ އެފަރާތުން 2 ޕާޓީއަކާއިއެކު އެގްރިމަންޓް ހަދާފައި އޮތް ރަށަކަށް ވާތީ އެގްރިމަންޓްގެ ޓާމްސްތަކާއި ގާނޫނުތަކާއި ގަވައިދުތަކުގެ ތެރެއިން އެރަށް ދައުލަތައް ގެއްލުން ނުވާގޮތައް ނަގާ ތިބޭފުޅުންނަށް އަޅުގަނޑު ދެންނެވި ފަދައިން ހަވާލުކުރުމުގެ މަސައްކަތް އެބަ ކުރިއަށްދޭ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރަށަށް ދިމާވެފައިވާ މައްސަލަތައް ރައްޔިތުން ބޭނުންވާގޮތައް މި ސަރުކާރުން ކޮށްދެއްވާނެކަމަށެވެ. އެގޮތުން ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްވެސް ރައްޔިތުން ބޭނުންވާގޮތައް ކަންކަން ކޮށްދެއްވާނެކަމަށެވެ. މީގެއިތުރުން މަގުހެދުމާއި ސިއްހީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތްވެސް ރައްޔިތުން ބޭނުންވާގޮތައް ނިންމަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.