ޅ. ހިންނަވަރުގެ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ. މި މަސައްކަތް ހަވާލުކޮށްފަވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން އާރްސީސީއާއެވެ.
މި މަޝްރޫޢުގެ ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ރަށަށް ކުރެއްވި ޒިޔާރަތުގައެވެ.
ހިންނަވަރު ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ.
މި ރަސްމިއްޔާތުގައި ކައުންސިލް އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރުއެވެ. މި ރަސްމިއްޔާތުގައި ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެރަށު ކައުންސިލްގެ ރައީސް ބައިވެރިވަޑައިގަތެވެ.
ސަރުކާރުން މިހާތަނަށް ވަނީ 105 ރަށެއްގައި ކައުންސިލް އައު އިމާރާތް އެޅުމަށް ނިންމާފައެވެ. އަދި މީގެތެރެއިން ވަރަށް ގިނަ ރަށްތަކެއްގައި ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. މި މަސައްކަތަކީ ކައުންސިލްތަކަށް ބޭނުންވާ ޖާގަ ތަނަވަސްކޮށްދިނުމަށް ސަރުކާރުން ފައްޓާވާފައިވާ މަޝްރޫޢުގެދަށުން ފައްޓެވި މަސައްކަތެކެވެ.
މި އިމާރާތާއެކު ކައުންސިލަރުންނާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތްތައް އަދި ކައުންސިލްގެ އިދާރީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ބޭނުންވާ އެކަށީގެންވާ ޖާގަ ތަނަވަސްވެގެންދާނެއެވެ.