ކ. ތުލުސްދޫ މަގު ހެދުމުގެ މަޝްރޫޢު އެންމެ ލަސްވެގެން އަންނަ ޖެނުއަރީ މަހު ފަށްޓަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ކ. ތުލުސްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ތުލުސްދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފެށްޓެވި މަޝްރޫޢުތައް ވަރަށް ބާރަށް ހަލުވިކަމާއެކު ކުރިއަށްގެންގޮސްދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެންމެ މުހިންމު ކަމެއްދީގެން ކުރިއަށްގެންދަވާނީ ތުލުސްދޫ މަގު ހެދުމުގެ މަޝްރޫޢުކަމަށެވެ. ރަށުގެ މަގު ހަދާފައިނުވާތީ އެތައް ތަކުލީފުތަކަކާ ރައްޔިތުން ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި މަޝްރޫޢު އެންމެ ލަސްވެގެން އަންނަ އަހަރު ފަށްޓަވާނެކަމަށެވެ.
"ދާދި އަވަހަށް މަހެއްހާ ދުވަސްތެރޭގައި މަސައްކަތް ބަޔަކާ ހަވާލުކޮށް މިއަހަރު ނިމުމުގެ ކުރިން މަސައްކަތް ފެށުން އަމާޒަކީ. އެންމެ ލަސްވެގެން ޖެނުއަރީ މަހު މަގު ހެދުމުގެ ޢަމަލީ މަސައްކަތް ފެށޭނެ. މަގުތައް ހެދުން ވާނީ ދިރިއުޅޭ ރައްޔިތުންނަށް ވަރަށް މުހިންމު ކަމަކަށް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތުލުސްދޫއިން ހިއްކާފައިވާ ސަރަހައްދުން ގޯތިދީ، ބޯހިޔާވަހިކަމުގެ މަޝްރޫޢެއްވެސް އެ ރަށުގައި ކުރިއަށްގެންދަވައި، ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމަށެވެ. އަދި ރަށުގެ ރައްޔިތުން އޭދޭގޮތަށް އާބާދީ އެއްފަސްކުރުމުގެ މަޝްރޫޢު ކުރިއަށްގެންދަވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑަކާއި ތުލުސްދޫ ހުޅަނގު ފަރާތުން ބަނދަރު ހެދުމުގެ މަޝްރޫއު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންގޮސްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ޤާއިމުކޮށް، ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތުލުސްދޫގައި ފެށުމަށްޓަކައި އެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފެށޭނެ ކަމަށެވެ. ތުލުސްދޫގައި 1800 އެއްހާ މީހުން ދިރިއުޅެއެވެ.