ދައުލަތުގެ އެންމެ މަތީ ވެރިއަކަށް ހުންނަވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދައްކަވަމުން ގެންދަވަނީ ނަމޫނާ ޚީދުމަތުގެ މިސާލެއްކަމަށް ރައީސުޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރުމުއްދަތެއްގެ ތެރޭގައި ޒިޔާރާތް ކުރެއްވުމާއި ގުޅިގެން އެކަން ފާހަގަކުރައްވާ މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ރައީސުލްޖުމްހުރިއްޔާ ޑރ. މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތީ ރައްޔިތުންނާ ގާތުން ޚިދުމަތް ކުރެއްވުމުގެ ޢަޒުމުކަނޑައަޅުއްވައިގެން ކަމަށެވެ. މާލެ އަތޮޅު ތުލުސްދޫއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރާތަކާއެކު މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެރިކަމުގެ ފުރަތަމަ ދައުރުގެ ތެރޭގައި ވަޑައިގަނެވިފައިވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި މިއީ މިހާ އަވަސް މުއްދަތެއްގައި ރާއްޖޭގެ ވެރިއަކު މި ލަނޑުދަނޑި ހާސިލްކުރެއްވި ފުރަތަމަ ފަހަރުކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ރައްޔިތުންނާ ގާތުން ޚިދުމަތް ކުރެއްވުމުގެ ވަރުގަދަ އަޒުމްފުޅުގައި. މިއަދު ކ.ތުލުސްދޫއަށް އެމަނިކުފާނު ކުރެއްވި ޒިޔާރަތާއެކު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ވެރިކަމުގެ ފުރަތަމަ ދައުރުގައި… pic.twitter.com/cI9hqhfFPk
— Hussain Mohamed Latheef (@HucenSembe) October 28, 2025
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ މި ދަތުރުފުޅުތަކުގައި ކޮންމެ ރަށެއްގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި، ސަރުކާރުގެ އިދާރާތަކުގެ މަސައްކަތް ބައްލަވައި، ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ފައްޓަވައިދެއްވާ، އަދި ބައެއް މަސައްކަތްތައް ހަލުވިކަމާއެކު ނިންމަވައި އިފްތިތާހުކޮށްދެއްވަމުން ގެންދަވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. މިކަމުން ފެނިގެން ދަނީ ދައުލަތުގެ އެންމެ މަތީވެރިއަކަށް ހުންނަވާ ރައީސުލްޖުމްހޫރިއްޔާ ދައްކަވަމުން ގެންދަވާ ނަމޫނާ ޚިދުމަތުގެ މިސާލުކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު މިވީ ގާތްގަނޑަކަށް 2 އަހަރު ދުވަހުގެ ތެރޭގައި 187 ރަށަށް ވަޑައިގެންފައެވެ. މީގެއިން 64 ރަށަކަށް އެމަނިކުފާނު ދެ ވަނަ ފަހަރު ވަޑައިގެންފައިވެއެވެ.