ޚަބަރު

ޗައިނާގެ އެހީތެރިކަމާއެކު ރާއްޖޭގެ ޕްރޮސެކިއުޓެރުންނަށް ފަންނީ ތަމްރީނު ދޭން މަޝްވަރާކޮށްފި


  • ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުޓޮރޭޓްގެ އިސް ވެރިންގެ ވަފްދެއް ރާއްޖެއަށް ވަނީ އައިސްފައި

ޗައިނާގެ އެހީތެރިކަމާއެކު ރާއްޖޭގެ ޕްރޮސެކިއުޓަރުންނަށް ފަންނީ ތަމްރީނު ފޯރުކޮށްދިނުމަށް މަޝްވަރާކޮށްފިއެވެ.

މިމަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޢައްބާސް ޝަރީފް ދަޢުވަތަކަށް ރާއްޖެ ޒިޔާރަތް ކުރައްވަމުން ގެންދަވާ ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުޓޮރޭޓްގެ އިސް ވެރިންގެ ވަފްދާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

ޗައިނާގެ ވަފްދުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުޓޮރޭޓްގެ ދާއިމީ ޕްރޮކިއުރަޓޯރިއަލް ކޮމިޓީގެ މެންބަރު ޝީ ވެއިޖޮންގްއެވެ. އެމަނިކުފާނަކީ ޗައިނާގެ ވައިސް މިނިސްޓަރ ފެންވަރުގެ ބޭފުޅެއް ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

ހޮޓަލް ޖެންގައި ކުރިއަށްދިޔަ ބައްދަލުވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ޗައިނާގެ ވަފްދަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައި، އެމަނިކުފާނުގެ ދަޢުވަތު ޤަބޫލުކުރައްވައި ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުން، ދެ ޤައުމުގެ ޕްރޮސިކިއުޝަން އިދާރާތަކުގެ މެދުގައިވެސް ޤާއިމުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ވަފްދުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ތަމްރީނުކުރުމާއި، މި އޮފީހުގެ އުމްރާނީ ވަސީލަތްތައް ކުރިއަރުވައި ތަރައްޤީކުރުމުގައި އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކޮށްފައިވެއެވެ. އެގޮތުން ކޭސް މެނޭޖްމަންޓް ސިސްޓަމަށް އޭއައި އިންޓަގްރޭޓް ކުރުމާއި، ފައިލިންގ ނިޒާމެއް ޤާއިމުކުރުމާއި، ޢިމާރާތުގެ ދަތިކަން އެ އޮފީހުގެ ފަރާތުން ޗައިނާގެ ވަފްދާ ޙިއްސާކޮށްފައެއެވެ.

މީގެ އިތުރުން ސައިބަރ ކްރައިމް، ފްރޯޑް، މަނީ ލޯންޑްރިންގ ފަދަ މާލީ ތަޙުޤީޤުތައްކުރުމާއި، އެފަދަ ކުށްތައް ޕްރޮސިކިއުޓްކުރުމަށް ޕްރޮސިކިއުޓަރުންނަށް ފަންނީ އެހީތެރިކަމާއި، ޓްރެއިނިންގ ދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ޕީޖީ އަލްއުސްތާޛް ޢައްބާސް ޝަރީފްގެ އިތުރުން ޕީޖީ އޮފީހުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ޗައިނާގެ ވަފްދުގައި، ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުޓޮރޭޓްގެ ދާއިމީ ޕްރޮކިއުރަޓޯރިއަލް ކޮމިޓީގެ މެންބަރު ޝީ ވެއިޖޮންގްގެ އިތުރުން، ޗައިނާގެ އެކި ސްޓޭޓްތަކުގެ ޑެޕިއުޓީ ޗީފް ޕްރޮސިކިއުޓަރުންނާއި، އިސް ވެރިން ބައިވެރިވެޑައިގެންފައިވެއެވެ. އަދި ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކޮންގް ޝިއަންހުއާ ވެސް ބައްދަލުވުމުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ދަތުރުފުޅަކީ ޗައިނާގެ ޕަބްލިކް ޕްރޮސިކިއުޝަން މަސައްކަތްކުރައްވާ އިދާރާގެ ވެރިން ރާއްޖެއަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅުޅުކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. އެހެން ކަމުން މިޢީ ތާރީޚީ ދަތުރުފުޅެއްކަން އެ އޮފީހުން ފާހަގަކުރައްވައެވެ.

ވަފްދުގެ ބޭފުޅުންވަނީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދާއި، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލިޖީ ކެޕްޓަން ރިޓަޔާރޑް ޢަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއާވެސް ބައްދަލުކުރައްވާފައެވެ. އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ހިންގަމުންދާ ޢިމާރާތަށް ވަޑައިގެން ވަފްދުގެ ބޭފުޅުން މި ޢިމާރާތް ބައްލަވާލައްވާފައިވެއެވެ.