ލިވަޕޫލް ވިދިވިގެން ހަ މެޗުން ބަލިވުމަށްފަހު ރޭ އެސްޓަލްވިލާ އަތުން މޮޅުވި މެޗުގައި ސަޕޯޓަރުން ދިން ތަރުހީބަށް ކޯޗު އާނޭ ސްލޮޓާއި ކެޕްޓަން ވާޖިލް ވެންޑައިކް ޝުކުރު އަދާކޮށްފި އެވެ.
މެޗަށް ފަހު ލިވަޕޫލްގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ސްލޮޓަށް ތަރުހީބު ދީފަ އެވެ. އޭނާގެ ނަމުން މުހާތަބްކޮށް، އަތްޖަހައި ހެދި އެވެ.
މިދިޔަ ސީޒަނުގައި ޕްރެމިއާ ލީގު ހޯދި މިހެންވެ މެޗަށް ފަހު ބުނީ އޭނާ އަށް ވެސް ކުރިމަތިވާ ދަތި ވަގުތުތަކުގައި މުޅި ޓީމާއި ސަޕޯޓަރުން އެކުގައި ތިބޭތަން ފެނުމުން އުފާވާ ކަމަށެވެ.
"މި ފެނިގެންދިޔައީ ޓީމުގެ އެކުވެރިކަން. އަހަރެންނަށް ވެސް ވަރަށް ދަތި ވަގުތެއް މިދިޔައީ. އެހާ ގިނަ މެޗުން ބަލިވީމަ. އެކަމކަު މިރޭ އަހަރުމެންގެ ސަޕޯޓަރުން ދައްކައިދީފި އެ މީހުން ތިބީ ޓީމުގެ ފަހަތުގައިކަން. މިއީ ވަރަށް އުފާވާ ކަމެއް،" ސްލޮޓް ބުންޏެވެ.
އެސްޓަންވިލާ އަތުން 2-1އިން މޮޅުވި މެޗަށް ފަހު ކެޕްޓަން ވާޖިލް ވެންޑައިކް ބުނީ ހަ މެޗުން ބަލިވުމުން ޓީމާ ބެހޭ ގޮތުން މިދިޔަ ހަފުތާތަކުގައި ތަތާތު ވާހަކަތައް އަޑުއިވިގެންދިޔަ ކަމަށެވެ.
"އެއީ އަހަރުމެންނަށް ކޮންޓްރޯލް ކުރެވޭނެ ކަމެއްނޫން. އެކަމަކު އަހަރުމެން މިވަނީ އަނެއްކާ ވެސް ނަތީޖާ އަހަރުމެން ކޮޅަށް އަނބުރާލާފައި. ފުޓްބޯޅައިގައި ތަފާތު ދުވަސްތަކާއި ތަފާތު ނަތީޖާތައް އަބަދުވެސް ކުރިމަތިވާނެ،" ވެންޑައިކް ބުންޏެވެ.
މި މެޗުގައި ލިވަޕޫލަށް ފުރަތަމަ ގޯލު ޖަހައިދިނީ ފޯވަޑް މުހައްމަދު ސަލާހެވެ. އެންމެ ފަހުން ކުޅުނު ގިނަ މެޗުތަކުގައި ވަރަށް ބޮޑަށް ފޯމު ކަޓާފައި ހުރި ފޯވަޑް މި މެޗުގައި ޖެހި ގޯލަކީ ލިވަޕޫލަށް އޭނާ ޖަހައިދިން 250 ވަނަ ގޯލެވެ. އޭނާ އަކީ ކުލަބަށް ތިން ވަނަ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ.