1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހަކީ ބިރުން ފިއްކަނޑައިގެންދާ ފަދަ ނާމާން ދުވަހެކެވެ. އެއީ ފަހުގެ ތާރީޚެއްގައި ދުވަހަކުވެސް ދިވެހިން ކުރަންޖެހިފައިނުވާ ފަދަ ތަޖުރިބާތަކެއް ކުރަން ޖެހުނު ދުވަހެކެވެ.
ބޭރުގެ ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން ދިވެހި 7 ޚާއިނުން ދިވެހި ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮށްޓަށް ހަމަލާ ދިނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ފަތިސް ނަމާދު ވަގުތު ކައިރިވެފައި ވަނިކޮށެވެ. 
ނޮވެންބަރު 11 ވަނަ ދުވަހު ފާހަގަކުރާ ޖުމްހޫރީ މުނާސަބަތަށް މާލެ ތެރެ ސާފުކުރުމަށް އުޅުމަށްފަހު، ގެއަށް އައިސް ފެންވަރައިގެން ނުކުމެ އިރުކޮޅެއް ނުވަނީސް، މުޙައްމަދު ޒާހިރަށް އިވުނީ ވަރުގަދަ ބަޑީގެ އަޑުފަނގަޑުތަކެކެވެ. ހަވީރު ނޫހުގެ ރަސްމީ ފޮޓޯގްރަފަރުގެ ގޮތުގައި އޭރު މަސައްކަތް ކުރައްވަމުން ގެންދެވި މީމު ޒަވިޔަނި ހީކުރީ ސިފައިންގޭގައި ތަމްރީނެއް ކުރިއަށްގެންދަނީ ކަމަށެވެ. ޒާހިރަކީ ހަވީރުގެ ފޮޓޯގްރަފަރަށްވުމާއެކު އާދައިގެ މަތިން ވެގެން އުޅޭ ގޮތެއް ބަލަން އޭނާ ރަށު ތެރެއަށް ނިކުތެވެ.
"މަގު މައްޗަށް ނުކުތް ހިސާބުން ދިލްބަހާރު މަގުން ވަކި ހިސާބަކުން ދިމާވަނީ ސިފައިންގޭގައި އޭރު އުޅުނު ބޭފުޅެއް އުންޑަ ސަލީމް. ސަލީމް ވިދާޅުވީ އެއްވެސް ޓްރެއިނިންއެއް ނެތޭ ސިފައިންގެ އެތެރޭގައި. ކިހިނެއްކަމެއް ވަނީކީ ނޭނގެއޭ. އެވެނި ކަހަލަ މިވެނި ކަހަލަ ބަޑިއެކޭ އެ ޖަހަނީ." ނަޞްރުގެ ދުވަހަށް ދެއްވި އިންޓަވިއުގައި ޒާހިރު ވިދާޅުވިއެވެ.
އޭރު ޗާންދަނީ މަގުގައި ހުންނަ އިންޑޯ ސްޓޭޑިއަމް ދޮރުމައްޗަށް ޒާހިރާއި އުންޑަ ސަލީމަށް ދެވުނު ހިސާބުން "ބަޑި ޖަހަނިއްޔޭ, މަރަނިއްޔޭ" ގޮވަމުން ބަޔަކު ދުވަމުން އާދެއެވެ. އެތަނުން އެމީހުންނަށް ފެނުނީ މިހާރު ދާރުލްއާސާރު ހުންނަ ދިމާ ކަންމަތީގައި ހުރި އަހި ގަސްތަކެއްގެ ތެރޭގައި މީހަކު ފިލައި އޮއްވައެވެ. އެ މީހަކީ ސިފައިންގެ ބޭކަލެއްކަމަށްވާ އަންބަރީ ޢަބްދުއްސައްތާރެވެ.
މި މަންޒަރުތައް ފެނުމުން ޒާހިރު ފުރަތަމަ ހީކުރީ ސިފައިންގޭގެ ތެރޭގައި ހަމަނުޖެހުމެއް ހިނގައިގެން ހަތިޔާރު ބޭނުންކުރަނީ ކަމަށެވެ. އަންބަރީ ޢަބްދުއްސައްތާރު ފެނުނު ހިސާބުން ސަލީމް އޭނާގެ ގާތަށްދިޔައެވެ. އެހިސާބުން ގެއަށް ގޮސް، ކެމެރާ ހިފައިގެން ޒާހިރު މަގުމައްޗަށް ނުކުތެވެ.
މަގުމައްޗަށް ނުކުމެ، ޑެއިޒީމާގޭ ގޯޅިއާ ހަމައަށް ޒާހިރަށް ދެވުނު ހިސާބުން ސޯޓު ލައިގެން ތިބި ހަތިޔާރު އެޅި ބަޔަކު ހަރަކާތްތެރިވަމުންދާ ތަން ޒާހިރަށް ފެނުނެވެ. އެހިސާބުން މާލެއަށް ހަތިޔާރު އެޅި ބަޔަކު އަރައިގެންއުޅޭކަން ޒާހިރަށް އެނގުނެވެ. ހިނގަމުން ގޮސް، މުލިޔާގެ އިރު އުތުރު ކަންމައްޗަށް ދެވުނު ހިސާބުން ގަޔަށް ވަޒަން އަރައިގެން މީހަކު މަރުވަމުންދާ މަންޒަރު ޒާހިރަށް ފެނުނެވެ. އަދި ސިފައިންގޭގެ އެތެރެއިން ބަޑީގެ މުއްގަނޑު ބޭނުންކޮށްގެން ބިއްލޫރި ތަޅާ މަންޒަރުވެސް ފެނުނެވެ. އޭރު ބަޑިޖަހާ އަޑު ގަދައަށް އިވެއެވެ.
		
										
			މި މަންޒަރުތައް ފެނުމުން ކިތަންމެ ބިރު ގަތަސް، ވެގެން އުޅޭ ގޮތެއް ބެލުމަށް ހުރި ޝައުގެއްގެ ބޮޑުކަމުން ވެލާނާގެއާ ދިމާއަށް ޒާހިރު ހިނގައިގަތެވެ. ސިފައިންގެއާ ކައިރިވެވޭތޯ މަސައްކަތްކުރުމަށެވެ. ވެލާނާގެއާ ދިމާއިން ޓެރަރިސްޓުންގެ ބަޔަކު ސިފައިންގޭގެ މައި ގޭޓުން ނުނިކުމެވޭ ގޮތަށް ހަމަލާދޭ ތަން ޒާހިރަށް ފެނުނެވެ. އެ ވަގުތު އޭނައާއެކު ޒުވާން ކުއްޖަކު ހުއްޓެވެ.
"އަޙްމަދު ޒަކީގޭ ކަންމަތީގައި އެތަނުގައި ތިބެގެން ސިފައިންގެއަށް ހަމަލާދެނީ. ޓެރަރިސްޓުންގެ 3 ނުވަތަ 4 މީހުން ތިބި. މަގު ހުރަސްކޮށް، އަލިފާން ގުޅަ ގުޅަ ފައިބެންގެންދޭ. ސިފައިންގެ ގޭޓުން ނުނިކުމެވޭ ގޮތަށް ސިފައިންގެ ގެއިން ހަމަލާ ދެނީ އޭރު." ޒާހިރު ވިދާޅުވިއެވެ.
ބަޑީގެ ހަމަލާތައް ހުއްޓާލި ދަނޑިވަޅު ބަލާފައި ޒާހިރާއި ޒުވާން ކުއްޖަކާ ދެ މީހުން ބޭންކް އޮފް މޯލްޑިވްސްއާއި ޚާރިޖީ ވުޒާރާއާ ދޭތެރޭން މެރިން ޑްރައިވްއާ ދިމާއަށް ނުކުތެވެ. ނުކުތް ތަނުން އެ ތަނުގައި އޮތް ދެ ވަޅުގަނޑެއްގައި ޓެރަރިސްޓުންގެ ދެ މީހުން އޮއްވާ ފެނުނެވެ. މިތަން ފެނިފައި "މަންމާއޭ" ކިޔާފައި ބިރުން ޒާހިރުގެ ގައިގައި ޒުވާނާ ބަތްދާ ގަތެވެ. އެއާއެކު ޓެރަރިސްޓުން ޒުވާނާގެ ގަޔަށް ބަޑި ޖެހިއެވެ. ބަޑިޖެހުމާއެކު ޒުވާނާ ވެއްޓުނީ ޒާހިރުގެ ގައި މައްޗަށެވެ. ޒާހިރު އޮތީ އެ ޒުވާނާ ދަށުވެފައެވެ.
"ނުކުމެވުނު ހާއިރުން އަތްމައްޗަށް ނަގާށޭ ބުނެފައި އަޅުގަނޑުމެންނާ ދިމާއަށް ބަޑި ލޯޑުކުރީ. އަނެއްކުއްޖާ އަޅުގަނޑުގެ ގައިގައި ހިފައިގަނެފައި މަންމާއޭ ކިޔާފައި ބެއްދީ. ބެއްދީމަ ބަޑި ޖެހީ. އުންޑަ އެރީ އޭނާގެ ބުރަކަށްޓަށް. ބަޑި ޖެހީމަ ހޫނު ލޭ ފައިބައިގެން ދިޔައީ. ބަޑި ޖެހީމަ އޭނަ ވެއްޓުނީ. އޭނަ ދަށުލައި އަޅުގަނޑު ވެއްޓިފައި އޮތީ." ޒާހިރު ވިދާޅުވިއެވެ.
އެ ވަގުތު އެ މަގުން ދިޔަ ސައިކަލެއްގެ ފަހަތުން ބަޑި ޖަހަމުން ޓެރަރިސްޓުން ދުއްވައިގަތެވެ. އެ ތަންވަޅު ބަލާފައި، ޒާހިރު ދުއްވައިގަތީ ވަޒަން އެރި ކުއްޖާ ގޮވައިގެން ހޮސްޕިޓަލާ ދިމާއަށެވެ. 
"ހޮސްޕިޓަލްވެސް އޮތީ އެގޮތް މިގޮތަށް. ދާމީހުންނާއި ހިނގާ މީހުންނާއި ދުވާ މީހުން. އެ ތަނަށް ދިޔަތަނުން އެ މީހުން އެ ކުއްޖާ ގެންގޮއްސި. ދެން މީހަކު އަތްޖަހާލާފައި ބުނަނީ އޭރުގެ ހެލްތު ވޯކަރެއް އެއީ އަލީ ޝަރީފް. އޭނަ ބުނީ ޒަވިޔަނި ގަޔަށް ވަޒަން އަރާފައޭ ތިހިރީ. އަޅުގަނޑު ދެންނެވިން އޭނާގެ ދަށުގައި އޮތީމަ އޭނާގެ ލެޔޭ އެއީ. ޝަރީފް ބުނީ ބަލާބަލާށޭ ފައި. ފައި އަޅާފައި ހުރި ތަނުގައި ވަށައިގެން ލޭ ހުރީ. ބަލާލިއިރު ކަށިމައްޗަށް ހުރީ ވަޒަން އަރާފައި." ޒާހިރު ވިދާޅުވިއެވެ.
ފައިގެ ކަށިމަތީގައި ޢަލީ ޝަރީފް ބޭސް އަޅައިދިނެވެ. އެ ވަގުތު ހޮސްޕިޓަލްގައި ހުރީ އެންމެ ޑޮކްޓަރެކެވެ. ޖެހުނު މީހަކު އައީ ޖެހުނު ކަމެއް ކުރަމުންނެވެ. ބޭސް ބަލައިދާންވެސް ޒާހިރަށް ޖެހުނެވެ. ޑޮކްޓަރުންނާއި ނަރުހުން އައިސް، ހޮސްޕިޓަލް ހަމަޖެހޭ ގޮތްވީ އެ ދުވަހުގެ ހެނދުނު 9:00 ޖަހާ އެހާކަންހާއިރުއެވެ.
		
										
			މެންދުރު ވާން ކައިރިވުމުން ގެއަށް ގޮސް ފެންވަރައިގެން ފޮޓޯ ނެގުމަށް އަނެއްކާވެސް ޒާހިރު މަގުމައްޗަށް ނުކުތެވެ. ވެއްޓިފައި ތިބި ޝަހީދުންގެ ފޮޓޯ އޭނާ ނެގިއެވެ. ޖެހިގެން އައި ދުވަހުގެ ހެނދުނު ވަންދެން ފޮޓޯ ނެގުމުގެ މަސައްކަތުގައި ޒާހިރު އުޅުނެވެ.
ދުޝްމަނުން ހަމަލާ ބަދަލުކުރަމުންދިޔަ ވަގުތު ޒާހިރު ސިފަކުރައްވަނީ މަގުމަތީ މީހުން މަދު ވަގުތެއްގެ ގޮތުގައެވެ. ގިނަ މީހުން ބިރުން ތިބީ ގޭގައެވެ. އެއް ބަޔަކު ލަކުޑި ފަލިތަކެއް ހިފައިގެން ދުޝްމަނުންނާ ދިމާކުރަން އުޅުނު މަންޒަރުވެސް އޭނާ ދެކުނެވެ. އަދި ކުޑަކުދިން ދުޝްމަނުންނާ ދިމާކޮށް، އެ މީހުންނަށް ގައުއުކާފައި ފިލަން ދުވާ މަންޒަރުވެސް ޒާހިރަށް ފެނުނެވެ.
"ޓެރަރިސްޓުންގެ ފަހަތުން ޅަފުރާވަރުގެ ކުދިން ގައު އުކަމުން ދުވޭ. ޓެރަރިސްޓުން ހަދާ ގޮތަކީ ކުދިން ގާތަށް އެނބުރިފައި ކައިރީގައި ހުންނަ ބިލްޑިންގް އެއްޗިއްސަށް ބަޑި ޖަހަނީ. ޖެހީމަ ރާސް ލާފައި އައި ކޮޅަށް ދުވޭ ކުދިން. އަނެއްކާ ވެސް ފަހަތުން އާދޭ. އެ މީހުންނާ ދިމާއަށް އެއްޗެހި އެއްލާ. އެނބުރިލާއިރަށް ގޯޅިއަކަށް ވަދެ ފިލާ." ޒާހިރު ވިދާޅުވިއެވެ.
ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ހަނދާންތައް އިއްޔެ ހިނގި ކަމެއް ފަދައިން ޒާހިރުގެ ހަނދާނުގައި އެބަހުއްޓެވެ. އެ ދުވަހު ކުރިމަތިލާންޖެހުނު ބިރުވެރި ހަނދާންތައް ޒާހިރު ކިޔައިދެއްވީ އެކަން ހިނގާދިޔަ ގޮތް ދިރާސާކޮށް، އެ ހާދިސާއިން ޢިބުރަތް ލިބިގަތުމަށް އެދެމުންނެވެ.
1988 ވަނަ އަހަރު ދިން އެ ޢުދުވާނީ ޙަމަލާގައި 19 ދިވެއްސަކު ޝަހީދުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ ޢާންމުންގެ 11 މީހުންނާއި ސިފައިންގެ 8 ބޭކަލެކެވެ. ދުޝްމަނުންގެ ޙަމަލާ ނާކާމިޔާބުވެ، އަރަހުށިވަންތަ މާތް ރަސްކަލާނގެ ނަޞްރު ދެއްވީ، ސާބިތުކަމާއެކު ދިވެހި ސިފައިންކުރި ހިތްވަރުގަދަ ޖިހާދުގެ ސަބަބުންނެވެ.