އެމްޕީއެލް ބަނދަރު ސަރަހައްދާ ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ބިދޭސީއަކު މަރުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މިހާދިސާގައި ނިޔާވެފައި ވަނީ ކޮޅުވެއްޓީގައި ތިބި 14 މީހުންގެ ތެރެއިން ހާލު ސީރިއަސްވެ ފަރުވާދެމުންދިޔަ، އުމުރުން 32 އަހަރުގެ ބަންގްލެދޭޝަށް ނިސްބަތްވާ މަސްޢޫދު ޙޮސައިންއެވެ.
އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނީ 4 ދިވެހިންނާއި 2 ބިދޭސީއަކަށެވެ. މީގެ ތެރެއިން 25 އަހަރުގެ ދިވެހި ފިިރިހެނެއްގެ ހާލުވެސް ސީރިއަސްކަމަށް ފުލުހުން ވިދާޅުވިއެވެ.
އެމްޕީއެލްއާ ދިމާލުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 15:44 އެހާއިރުކަމަށް ފުލުހުން ވިދާޅުވިއެވެ.
އަދި މިހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ވަނީ ހަރަކާތްތެރިވެ މީހުން ސަލާމަތްކުރަން މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ހާދިސާ ހިނގި އިރު، ބަންޑުންޖަހާލި ލޭންޑިންކްރާފްޓްގެ ތެރޭގައި މީހަކު ހުރި ކަމުގެ މަޢުލޫމާތު ލިބިގެން ކޯސްޓްގާޑުގެ ޑައިވަރުން ކުރި މަސައްކަތުން، އެ މީހާ ވަނީ ނަގާފައެވެ. އަދި ކަނޑުވި އެހެންމީހުންވެސް ސަލާމަތްކުރިއެވެ.