ކުޅިވަރު

ފިފްޕްރޯ ގަދަ 11 ޕީއެސްޖީން ލީޑްކުރިޔަސް ރެކޯޑް ޔަމާލަށް


ފިފްޕްރޯއިން ހޮވި ދުނިޔޭގެ އެންމެ ގަދަ 11 ކުޅުންތެރިން އިއުލާނުކުރިއިރު އެންމެ ގިނަ ކުޅުންތެރިން ޕީއެސްޖީން ނަގައި ބާސެލޯނާގެ ލަމީން ޔަމާލް ރެކޯޑް ހަދައިފި އެވެ.

ހުސްވި ސީޒަނުގެ ޕާފޯމަންސަށް ބަލައި ނަގާފައިވާ ގަދަ 11ގައި ސީޒަނުގެ އެންމެ ކާމިޔާބު ޓީމު ޕީއެސްޖީގެ ފަސް ކުޅުންތެރިން ހިމެނެ އެވެ. ފްރެންޗް ލީގާއި ފްރެންޗް ކަޕް އަދި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ކުލަބު ވޯލްޑް ކަޕުގެ ފައިނަލް ކުޅުނު ފްރާންސާއި ޔޫރަޕުގެ ޗެމްޕިއަން ޓީމުން ގަދަ 11ގައި ހިމެނުނީ ގޯލްކީޕަރު ޖިއާންލުއިޖީ ޑޮންނަރޫމާ އާއި ދެ ޑިފެންޑަރުން ކަމަށްވާ އަޝްރަފް ހަކީމީ އާއި ނޫނޭ މެންޑޭސް އާއި މިޑްފީލްޑަރު ވިޓީނިއޯ އާއި ފޯވަޑް އޮސްމާނޭ ޑެމްބެލޭ އެވެ. މީގެ ތެރެއިން ޑޮންނަރޫމާ އަކީ ހުސްވި ސީޒަނުގެ އެންމެ މޮޅު ކީޕަރެވެ. އެގެ ފަހުން ޕީއެސްޖީއާ މައްސަލަ ޖެހި އޭނާ ވަނީ އިނގިރޭސި ކުލަބު މެންޗެސްޓާ ސިޓީ އަށް ކުޅެން ފަށައިފަ އެވެ. ޑެމްބެލޭ އަކީ ހުސްވި ސީޒަނުގެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި ބަލޮންޑޯ ހޯދި ކުޅުންތެރިޔާ އެވެ.

ގަދަ 11ގައި ދެން އެންމެ ގިނަ ކުޅުންތެރިން ހިމެނެނީ ސްޕޭނުގެ ތިން ތަށި ހޯދައި ޗެމްޕިއަންސް ލީގު ސެމީ ފައިނަލް ކުޅުނު ސްޕޭނުގެ ބާސެލޯނާ އާއި ހުސްވި ސީޒަނުގައި އެއްވެސް ތައްޓެއް ނުލިބުނު ރެއާލް މެޑްރިޑުންނެވެ. ބާސެލޯނާއިން ހިމެނުނީ ޔަމާލާއި މިޑްފީލްޑަރު ޕެޑްރީ އެވެ. މީގެ ތެރެއިން 18 އަހަރު ޔަމާލް ވެފައިވަނީ ފިފްޕްރޯ ގަދަ 11ގައި މިހާތަނަށް ހިމެނުނު އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. ރެއާލް މެޑްރިޑުން ހިމެނުނީ ޖޫޑް ބެލިންހަމް އާއި އެ ޓީމަށް ކުޅޭ ފްރާންސްގެ ކެޕްޓަން ކީލިއަމް އެމްބާޕޭ އެވެ.

ފީފާ ކުލަބު ވޯލްޑް ކަޕާއި ޔޫރޮޕާ ލީގު ކާމިޔާބު ކުރި ޗެލްސީން ހިމެނުނީ ކޯލް ޕަލްމާ އެކަންޏެވެ. އިނގިރޭސި ޗެމްޕިއަން ލިވަޕޫލުން ހިމެނުނީ ކެޕްޓަން ވާޖިލް ވެންޑައިކް އެކަންޏެވެ.