"ވަރަ އެކްސްޕޯ" ގެ ތެރެއިން ސައުދީ އަރަބިއްޔާގައި ދިވެހިންނަށް ހުރި ފުރުސަތުތަކާއި ގުޅޭ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެކަމަށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ވަރަ އެކްސްޕޯއާ ގުޅޭގޮތުން ހިއްސާކުރި ވީޑިއޯ މެސެޖެއްގައެވެ. 
"ވަރަ" އެކްސްޕޯއަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ޤައުމީ ވަޒީފާގެ ބާޒާރުގައި ދިވެހިން އިތުރުކޮށް، ވަޒީފާ އަދާ ކުރަމުންދާ މީހުން އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ޤާބިލްކަން ހޯދައިދިނުމަށާއި، ޑިޖިޓަލް އައު ގޮތްތައް މެދުވެރިކޮށް ޒުވާނުން ބާރުވެރިކުރުވުމަށް އަމާޒުކޮށްގެން މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ އެކްސްޕޯއެކެވެ.
ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީ ވިދާޅުވީ ވަރަ އެކްސްޕޯއަށް އައުމަށް ސައުދީ އަރަބިއްޔާއިން ހުރިހައި ދިވެހިންނަށް ދައުވަތުދޭކަމަށެވެ. ސައުދީގައި ހުރި ފުރުސަތުތަކާއި ގުޅޭ މައުލޫމާތު މި އެކްސްޕޯގެ ތެރެއިން ލިބިގެންދާނެކަމަށެވެ. އޭގެތެރޭގައި ތައުލީމާ، ސްކޮލަރޝިޕްގެ ފުރުސަތުތަކާއި، ފަތުރުވެރިކަމާއި، އިނޮވޭޝަންގެ ފުރުސަތުތަކުގެ މައުލޫމާތު މި އެކްސްޕޯގެ ތެރެއިން ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. 
"ވިޒިޓް ސައުދީ ޕްރޮގްރާމް"ގެ ފީތަކާއި މައުލޫމާތުވެސް މި އެކްސްޕޯގެ ތެރެއިން ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މައްކާ ރޯޑް އިނިޝިއޭޓިވްއާއި ގުޅޭ މައުލޫމާތުތައްވެސް ވަރަ އެކްސްޕޯގައި ހުންނަ ސައުދީ އަރަބިއްޔާގެ ސްޓޭންޑުން ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. 
ވަރަ އެކްސްޕޯ އޮންނާނީ މިމަހުގެ 6 އިން 8 އަށް ސެންޓްރަލް ޕާކުގައެވެ. މި އެކްސްޕޯގެ މައިގަނޑު އަމާޒަކީ ވަޒީފާ ހޯދާ ފަރާތްތަކާއި، ތައުލީމު ހޯދަން ބޭނުންވާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކާއި، މަތީ ތަޢުލީމުދޭ މަރުކަޒުތަކާއި، އަދި ފަންނީ ތަމްރީނު ދޭ މަރުކަޒުތައް އެއް މަންސައަކަށް ގެނައުމެވެ.