ޚަބަރު

ކައުންސިލަރުން އިންތިޚާބުކުރަންޖެހޭ އަދަދު މަދުކޮށްފި


ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ‏‏ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައިފިއެވެ.‏

ލޯކަލް ކައުންސިލުތަކުގެ ޤާނޫނަށް ގެންނެވި އިޞްލާހަކީ ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތައް އެކުލެވިގެންވާ ގޮތަށް ގެންނެވި އިޞްލާހެކެވެ. މިގޮތުން އާބާދީގައި ތިންހާސް މީހުންނަށްވުރެ މަދު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބުކުރާނީ ތިން މެމްބަރުން މިއިޞްލާހުގައިވެއެވެ. ކުރިން އިންތިޚާބްކުރަނީ 5 މެމްބަރުންނެވެ. އަދި އާބާދީގައި ތިންހާސް މީހުނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބުކުރާނީ 5 މެމްބަރުންކަމަށް މިއިޞްލާހުގައިވާއިރު، ކުރިން އައްޔަންކުރަނީ 7 މެމްބަރުންނެވެ.

އަތޮޅު ކައުންސިލަށް މެމްބަރުން އިންތިޚާބުކުރަންޖެހޭ ގޮތަށް ބަލާއިރު އިންތިޚާބީ ދެ ދާއިރާއަށްވުރެ ގިނަ އިންތިޚާބީ ދާއިރާ ހިމެނޭ ދާއިރާތަކުގެ އަތޮޅު ކައުންސިލަށް އިންތިޚާބުކުރާނީ ކޮންމެ ދާއިރާއަކުން އެއް މެމްބަރެވެ. އަދި ދެ އިންތިޚާބީ ދާއިރާ ހިމެނޭ އަތޮޅު ކައުންސިލަށް އިންތިޚާބުކުރާނީ މުޅި އަތޮޅުން ތިން މެމްބަރުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤްކުރެއްވި ބިލަކީ މިމަހުގެ 17 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިޢު ކުރައްވާފައެވެ.