ޚަބަރު

އިޓަލީގެ ބޮޑުވަޒީރަށް ރައީސް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި


އިޓަލީގެ އަމްބްރިޔާ ސަރަޙައްދަށް އައި ބާރުގަދަ ބިންހެލުމުގައި، ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ، މުދަލަށާއި ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏، އިޓަލީގެ ރައީސް ސަރުޣިޔޯ މަޓަރެއްލާއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމަކާއި، ނުހަނު ކަންބޮޑުވުމާއިއެކު ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އިޓަލީގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މި ޙާދިޘާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ. 

މިއަދު ހެދުނު އިޓަލީ ވިލާތަށް އައި ބާރުގަދަބިންހެލުމުގައި ބަޔަކު މަރުވެ، ގިނަ ޢިމާރާތްތަކެއް ވެއްޓިފައިވާއިރު ބައެއް މީހުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ. އިޓަލީ ގަޑިން ދަންވަރު ތިންގަޑި ތިރީސްހާއިރު ބިންހެލުން އައުމާ ގުޅިގެން ގިނަބަޔަކު މަގުމައްޗަށް ނިކުމެފައިވެއެވެ.