ޚަބަރު

އެސްޑީއެފްސީ ފެސިލިޓީތަކަށް ބީއެމްއެލް މޯބައިލް އެޕް މެދުވެރިކޮށް މިހާރު ފައިސާ ދެއްކޭނެ


  • ފެސިލިޓީތަކަށް ފައިސާ ދެއްކުމަށް ކުރަމުންއައި މެނުއަލް ބޭންކް ޓްރާންސްފަރތައް މަދުކުރެވޭނެ

  • ރައްކާތެރިގޮތެއްގައި މާލީ މުއާމަލާތް ކުރުމުގެ މަގު ތަނަވަސްވެގެންދާނެ

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ފެސިލިޓީތަކަށް ބީއެމްއެލް މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ހަދަައިފިއެވެ.

އެސްޑީއެފްސީއިން ވިދާޅުވީ މަރުޙަލާތަކަކަށް ބަހާލައިގެން ފަށާފައިވާ މި އިންޓަގްރޭޝަނާއެކު، އެސްޑީއެފްސީގެ ކަސްޓަމަރުންނަށް އެފަރާތްތަކުގެ ފެސިލިޓީގެ މައުލޫމާތު ފަސޭހައިން ބެލުމާއި، ބީއެމްއެލް އެޕްގައި ހިމެނޭ ބިލްޕޭ ފީޗަރ މެދުވެރިކޮށް ފެސިލިޓީއަށް ފައިސާ ދެއްކުމުގެ ހިދުމަތް މިހާރު ވަނީ ތަޢާރަފުކުރެވިފައިވާކަމަށެވެ. އެގޮތުން މި ހިދުމަތުގެ ސަބަބުން ވިޔަފާރިތަކަށް ފަސޭހަ އަދި ރައްކާތެރިގޮތެއްގައި މާލީ މުއާމަލާތް ކުރުމުގެ މަގު ތަނަވަސްވެގެންދާނެކަމަށް ވިދާޅުވިއެވެ.

މި އިންޓަގްރޭޝަންއާއި ގުޅޭގޮތުން، އެސްޑީއެފްސީގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ މި އިންޓަގްރޭޝަނަކީ އެސްއެމްއީތަކަށް ފޯރުކޮށްދެވޭ އެންމެހައި ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ. އެގޮތުން އެސްޑީއެފްސީގެ ފެސިލިޓީތައް ބީއެމްއެލް މޮބައިލް އެޕްލިކޭޝަނާއި ގުޅުވާލުމުން ކަސްޓަމަރުންނަށް ހިދުމަތް ލިބިގަތުން ފަސޭހަވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރިން ފެސިލިޓީތަކަށް ފައިސާ ދެއްކުމަށް ކުރަމުންއައި މެނުއަލް ބޭންކް ޓްރާންސްފަރތައް މަދުކުރެވި، ރިއަލް-ޓައިމްކޮށް ޕޭމަންޓް ތަކުގެ އަޕްޑޭޓް ލިބި، ހިދްމަތްތައް އަވަސް ވެގެންދާނެކަމަށް ބަދުރުއްދީން ވިދާޅުވިއެވެ.

އެސްޑީއެފްސީއިން ވިދާޅުވީ މި ޚިދުމަތް ހޯދުމަށް، ބީއެމްއެލް މޯބައިލް އެޕްލިކޭޝަންގައި ބޭނުންކުރާ އަމިއްލަ އެކައުންޓް މެދުވެރިކޮށް އެޕަށް ލޮގިންވެ، އެކައުންޓް ޓެބުގެ ދަށުން ފެސިލިޓީގެ ތަފުސީލު، ފެސިލިޓީގެ ބާކީ އަދަދު، އަދި މަހުން މަހަށް ދައްކަންޖެހޭ އަދަދު ހިމެނޭހެން މުހިންމު މައުލޫމާތު ފަސޭހަކަމާއެކު ބަލާލެވޭނެކަމަށެވެ.

ކަސްޓަމަރުންނަށް މި ޚިދުމަތް ބޭނުންކުރުމަށް އެހީތެރިވުމުގެ ގޮތުން، އެސްޑީއެފްސީގެ ސޯޝަލް މީޑިއާ ޗެނަލްތަކުން ބިލް ޕޭ ފީޗަރ މެދުވެރިކޮށް ފައިސާ ދައްކާނެ ގޮތުގެ ތަފްސީލު ވަނީ ޝާއިޢުކޮށްފައެވެ.