އައްޑޫ ސިޓީ ހިތަދޫގައި ފްލެޓަކުން ކުއްޖަކު ވެއްޓިގެން ފަރުވާދޭން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ކުއްޖާ ވެއްޓިފައިވަނީ ހިތަދޫގެ 14ވަނަ ފްލެޓުގެ ދެވަނަ ފަންގިފިލާއިން ރޭ ދަންވަރު ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ ދަންވަރު 12:00 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާގައި ވެއްޓިފައިވަނީ 15 އަހަރުގެ އަންހެން ކުއްޖެއް ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
އެ ކުއްޖާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. ނަމަވެސް ކުއްޖާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ހާމަކޮށްފައި ނުވެއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދެއްވާގޮތުގައި ކުއްޖާގެ ހާލު މިހާރު ސްޓޭބަލްއެވެ. އަދިވެސް އޭނާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރައްވަމުންނެވެ.