ޚަބަރު

އަދަބީ އަދި ފަންނީ މަސައްކަތްތައް ހިމާޔަތްކުރުމުގެ މުއާހަދާގައި ރާއްޖެއިން ބައިވެރިވެއްޖެ


  • ތަންފީޒްކުރަން ފެށޭނީ މިމަހުގެ 22 ވަނަ ދުވަހު

  • ދިވެހި އުފެއްދުންތެރިންގެ މަސައްކަތްތަކަށް އެކަށީގެންވާ އުޖޫރަ ހޯދޭނެ

އަދަބީ އަދި ފަންނީ މަސައްކަތްތައް ހިމާޔަތްކުރުމާއި ބެހޭ ބައިނަލްއަޤްވާމީ މުއާހަދާ، ދަ ބާރން ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް ލިޓަރަރީ އެންޑް އަރޓިސްޓިކް ވޯކްސްގައި ދިވެހިރާއްޖެއިން ރަސްމީކޮށް ބައިވެރިވެއްޖެއެވެ.

މިއީ ދިވެހިރާއްޖޭގައި ކޮޕީރައިޓް ހިމާޔަތްކުރުން ހަރުދަނާކޮށް ވާދަވެރި އުފެއްދުންތެރި އިޤްތިޞާދެއް ބިނާކޮށް ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ސަފްހާއެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި މުއާހަދާގައި ބައިވެރިވުމަށް ހުށައަޅަންޖެހޭ އިންސްޓްރޫމަންޓް އޮފް އެކްސެޝަން ވަނީ މިމަހުގެ 3 ގައި ޖެނީވާގައި ހުންނަ ވޯލްޑް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮގަނައިޒޭޝަން (ވައިޕޯ) އަށް ހުށައަޅާފައެވެ. ބާރން ކޮންވެންޝަން ދިވެހިރާއްޖޭގައި ތަންފީޒްކުރަން ފެށޭނީ މިމަހުގެ 22 ވަނަ ދުވަހުކަމަށް ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި މުއާހަދާގައި ބައިވެރިވުމުގެ ސަބަބުން ދިވެހި އުފެއްދުންތެރިން ވަކިން ޚާއްސަކޮށް ލިޔުންތެރިން ކުރެހުންތެރިން މިއުޒިކް އުފައްދާ ފަރާތްތައް ފިލްމް އުފައްދާ ފަރާތްތައް އަދި އެހެނިހެން އުފެއްދުންތެރި ފަންނުވެރިންގެ އުފެއްދުންތަކަށް ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ތިބި އެފަދަ އުފެއްދުންތެރިންގެ އުފެއްދުންތަކާއި އެއްފަދައިން ހިމާޔަތާއި ރައްކާތެރިކަން ބާރން ޔޫނިއަންގެ 181 ގައުމުން ލިބިގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މިއީ 2030 ވަނަ އަހަރާއި ހަމައަށް ކްރިއޭޓިވް އަދި ޑިޖިޓަލް އިކޮނޮމީ ދާއިރާ ގައުމުގެ އުފެއްދުންތެރިކަމަށް ހިއްސާކުރާ މިންވަރު %15 އަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

އަދި ފިކުރީ މުދަލުގެ ވަށައިޖެހޭ ނިޒާމެއް ގާއިމްކުރުމަށާއި ދިވެހިރާއްޖޭގައި ކަލެކްޓިވް މެނޭޖްމަންޓް އޯގަނައިޒޭޝަންތައް އުފައްދައި ދިވެހި އުފެއްދުންތެރިންގެ މަސައްކަތްތަކަށް އެކަށީގެންވާ އުޖޫރަ ހޯދޭނެ މަގު ފަހިކުރުމަށް ކުރެވުނު މަސައްކަތެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.