ޚަބަރު

ސަރުކާރު އޮތީ ވަރުގަދަކޮށް، ވައްޓައެއްނުލެވޭނެ - ހޯމް މިނިސްޓަރ


ރާއްޖޭގެ ޤާނޫނީ ސަރުކާރު ވައްޓާނުލެވޭނެކަމަށާއި ސަރުކާރު އޮތީ އެއަށްވުރެ މާ ވަރުގަަދަކޮށްކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙުމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ވައްޓާލުމަށް އިދިކޮޅު ފަަރާތްތަކުން މަސައްކަތްކުރާކަމަށް ބުނެ ބީބީސީން ގެނެސްދިން ރިޕޯޓާ ގުޅޭގޮތުން ޕީއެސްއެމްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވީ ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލުމަކީ ޤާނޫނީ ގޮތުން ބޮޑު ކުށެއްކަމަށާއި، އެފަދަ ވާހަކަ ދެއްކުމަކީވެސް ކުށެއްކަމަށެވެ. އަޒްލީން ވިދާޅުވީ ރާއްޖޭގެ ޤާނޫނީ ވެރިކަން ބަދަލުކުރެވޭނެ ޤާނޫނީ އުޞޫލުތައް ވަރަށް ފުރިހަމައަށް ރާއްޖޭގެ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާކަމަށެވެ. އަދި އެ ނޫންގޮތަކަށް ރާއްޖޭގެ ވެރިކަން ވައްޓާލަން ދައްކާ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާއި، އެއީ ސަރުކާރުން ބަލައިގަންނާނެ ވާހަކަތަކެއް ނޫންކަމަށް އަޒްލީން ވިދާޅުވިއެވެ. 

އަޒްލީން ވިދާޅުވީ ދިވެހި ސިފައިންނާއި ދިވެހި ފުލުހުންވެސް ތިބީ ސަރުކާރާއެކީ ބަދަހިކަންމާއެކުކަމަށެވެ. އަދި ރާއްޖޭގެ ޤާނޫނީ ވެރިކަން ވައްޓާލުމުގެ ވާހަކަތައް ދައްކަނީ ރާއްޖޭގެ ތަރައްޤީއާމެދު ހަސަދަވެރިވާ، ރާއްޖޭގެ އަދުއްވުންކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން ކަންބޮޑުވާންޖެހޭ ހިސާބަކަށް އެއްވެސް ކަމެއް ނުދާކަމަށާއި، މިސަރުކާރަކީ މިހާތަނަށް ރާއްޖެ ދެކެފައިނުވާ ވަރުގެ ވަރުގަދަ ސަރުކާރެއްކަމަށެވެ.

ބީބީސީން މިއަދު ގެނެސްދިން ރިޕޯޓެއްގައި ސަރުކާރު ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރާކަމަށް ވަނީ ބުނެފައެވެ.