އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކެޓްރީ އަޙުމަދު މަރުޒޫގު ހުށަހެޅުއްވި ޗެލެންޖް ގަބޫލްފުޅުކުރައްވައި، ރާއްޖޭގެ ފެތުންތެރިޔާ އައިމިނަތު ސަޖަންއާއެކު ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ހަސަން މަނިކު ތަމްރީން ކުރައްވައިފިއެވެ.
މަރުޒޫގް ވަނީ ރާއްޖޭގެ މަޝްހޫރު ފަރާތްތަކަކަށް ކުޅިވަރުން ފާހަގަކޮށްލެވޭ އެތްލީޓުންތަކަކާއެކު ތަމްރިން ކުރުމަށް ޗެލެންޖް ކުރައްވާފައި. ހުރިހާ ބޭފުޅުންހެން ވަނީ މަރުޒޫގުގެ ޗެލެންޖް ގަބޫލްކުރައްވާފައެވެ.
މިއަދު ހެނދުނު ރައީސް ވަހީދު ވަނީ މާލޭ ފަތާ ޓްރެކުގައި ރާއްޖޭގެ އެންމެ ބާރު އަންހެން ފެތުންތެރިޔާ ސަޖަންއާއެކު ގަޑިއަކަށްވުރެ ގިނައިރު ތަމްރީންކޮށްފައެވެ.
ތަމްރީންކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ވަހިދު ވިދާޅުވީ މީ ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށެވެ.
" މީ ވަރަށް ރަނގަޅު ހަރަކާތެއް. މި ހަރަކާތުގެ ސަބަބުން ރަނގަޅަށް ފަތާނެ ގޮތް އެނގިގެންދިޔަ. ކުޑައިރުން ފެށިގެން ފަތަންވީ ރަނގަޅު ގޮތް ދަސްވެފައި އޮތުން ވަރަށް މުހިންމު" ޑރ ވަހީދު ހަސަން މަނިކު ވިދާޅުވިއެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް މުޙައްމަދު ވަހީދު ވަނި ރާއްޖޭގައި ފަތާނެ ޕޫލެއް އޮތުންވަރަށް މުހިންމުކަމަށް ވިދާޅުވެފައެވެ. އަދި އެއީ ރާއްޖޭގެ ސަރުކާރުން ކުރިންވެސް ބޭނުންވެފައި އޮތްކަމެއްކަމަށް ވިދާޅުވިއެވެ.
މި ހަރަކާތުގައި ރައީސް ވަހިދާއި އެއްކޮށް ތަމްރީންކުރި ފެތުންތެރިޔާ ސަޖަންވެސް ވަނި ފަތާ ޕޫލާއި ވަސީލަތްތަށް ރާއްޖޭގައި ނެތުމުން ދިމާވާ އުނދަގޫތަކާ ބެހޭގޮތުން ވާހަކަދައްކާފައި.
މި ހަރަކާތާ ބެހޭގޮތުން ވާހަކަދައްކަމުން ރިއޯ އޮލިމްޕިކްސްގައި ރާއްޖޭގެ ރެކޯޑް އާކުރި ފެތުންތެރިޔާ ސަޖަން ބުނީ ކުރީގެ ރައީސް ވަހީދުއާއެކު ތަމްރީންކުރެވުމުން ވަރަށް އުފާވާކަމަށެވެ.
" މި ހަރަކާތަކީ ސްވިމިންއަށް ލިބުނު ކުރިއެރުމެއް" ސަޖަން ބުންޏެވެ.
މި ހަރާކާތުގެ ތެރޭގައި މަރުޒޫގެ ވަނީ ރައީސް އަބްދުﷲ ޔާމީން، ރައީސް މުޙައްމަދު ނަޝީދު އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށްވެސް ޗެލެންޖް ހުށަހަޅާފައެވެ.
އެ ބޭފުޅުންވެސް ވަނީ ޗެލެންޖް ގަބޫލްފުޅުކުރައްވާފައެވެ.