ކުޅިވަރު

ބާސެލޯނާގެ ޕްރެކްޓިސް ބަލަން ވިއްކި ޓިކެޓް ހުސްވެއްޖެ


އަލަށް ބިނާކުރަމުންދާ ކޭމްޕްނޯ ސްޓޭޑިއަމުގައި ބާސެލޯނާއިން ބާއްވާ ފަރިތަކުރުންތައް ބަލަން ވިއްކި ޓިކެޓް ހުސްވެއްޖެ އެވެ.

މިއަދު ބާއްވާ ޕްރެކްޓިސް ބަލަން ވަދެވޭ ގޮތަށް ހަމަޖެއްސީ 23000 މީހުންނަށެވެ.

މިއީ 2023 ވަނަ އަހަރުބެ މޭ މަހުގެ ފަހުން ބާސެލޯނާއިން އެ ކުލަބުގެ ރަސްމީ ދަނޑުގައި ބާއްވާ ފުރަތަމަ ހަރަކާތެވެ. މި ފަރިތަކުރުންތައް ބަލަން ކުލަބުގެ މެމްބަރުންނަށް ޓިކެޓް ވިއްކާފައިވަނީ ފަސް ޔޫރޯ އަށެވެ. އާއްމު ފަރާތްތަކަށް 10 ޔޫރޯ އަށެވެ.

ނޭމްޕް ނޯ ޒަމާނީކޮށް އަލުން ބިނާ ކުރުމުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ޖޫން މަހު 1.3 ބިލިއަން ޔޫރޯގެ ބަޖެޓަކާއެކުގަ އެވެ. ދަނޑު މުޅިން ނިމޭއިރު އެއްލައްކަ ފަސް ހާސް މީހުންނަށް ކުޅިބަލަން ވަދެވޭނެ ސްޓޭޑިއަމް ވެގެންދާނީ ޔޫރަޕުގައިވާ އެންމެ ޒަމާނީ އެއް ސްޓޭޑިއަމަށެވެ.

ބާސެލޯނާއިން ދަނޑުގައި ބާއްވާ ފަރިތަކުރުންތަކަކީ އެނބުރި މި ތަނުގައި މެޗުތައް ކުޅެން ފެށުމުގެ ގޮތުން ބާއްވާ ފުރަތަމަ ހަރަކާތެވެ. އެ ކުލަބުން އުއްމީދު ކުރަނީ މި މަހުގެ ފަހު ހަފުތާގައި އަލުން މި ދަނޑުގައި މެޗުތައް ކުޅެން ފެށުމަށެވެ. ބާސެލޯނާ އަށް މިހާރު ވެސް ދަނޑުގައި މެޗުތައް ކުޅުމުގެ ހުއްދަ އެބައޮތެވެ. ނަމަވެސް އެ ކުލަބުން ބޭނުންވަނީ ކުޅިބަލަން ވަދެވޭ އަދަދު 45000 ކަމުގައި ހެދުމަށްފަހު ސްޓޭޑިއަމް ބޭނުން ކުރަން ފެށުމަށެވެ.