ޚަބަރު

"ޑިމޮކްރަސީއާއި ބީރައްޓެހި ޙަރަކާތްތަކަށް ފުރުޞަތެއް ނެތް"


ޤާނޫނީ އޮނިގަނޑުން ބޭރުން ދިވެހި ރާއްޖޭގައި، ކުރެވޭ ސިޔާސީ އަދި އެ ނޫންވެސް އެއްވެސް ކަމަކަށް ދިވެހި ސަރުކާރުން ފުރުޞަތު ނުދެއްވާނެކަމަށް ހޯމް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ޤާނޫނީ ގޮތުން، އެކުލަވާލެވިފައިވާ ދިވެހިރާއްޖޭގެ ސަރުކާރު ވައްޓާލުމަށް ބަޔަކު މަސައްކަތްކުރަމުންގެންދާ ކަމުގައި، ބީ.ބީ.ސީން ފަތުރާފައިވާ ޚަބަރާ ގުޅިގެން، ހޯމް މިނިސްޓަރ އަޙްމަދު އަޒްލީން ވިދާޅުވީ، މިހާރު ރާއްޖޭގައި އޮތް ސަރުކާރަކީ ރައްޔިތުންގެ ފުރިހަމަ ތާއީދުލިބިފައިވާ ސަރުކާރެއްކަމަށާއި، އަދި މި ސަރުކާރުން ރާއްޖޭގެ ތަރައްޤީއާއި، ހަމަޖެހުމަށް އަދި ރައްޔިތުންގެ ކުރިއެރުމަށާއި ދުޅަހެޔޮކަމަށް ކުރަމުން ގެންދަވާ މަސައްކަތަކީ، ރާއްޖޭގެ ރައްޔިތުންގެ ބަލައިގަންނަ، އަދި އެކަމުގެ ހެޔޮ ފައިދާ ދުވަހުން ދުވަހަށް ރައްޔިތުންނަށް ލިބެމުންދާ މަސައްކަތްތަކެއްކަމުގައެވެ. އަދި ސަރުކާރުން ކެނޑިނޭޅި ކުރައްވަމުން ގެންދަވާ މަސައްކަތުން ޤައުމަށް އަންނަ ހަމަޖެހުމާއި، ތަރައްޤީގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި، ވިޔަފާރިތަކަށް އަދި ވަޒީފާގެ ބާޒާރަށް އަންނަމުންދާ ދިރުމަކީ ހުރިހާ ފަރާތްތަކަކުން ޤަބޫލުކުރާ، ވަޅުޖެހިފައިވާ ދިވެހި އިޤްތިޞާދު ދިރެމުންދާކަމުގެ ނިޝާންތަކެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ވެރިކަން ބަދަލުކުރެވޭނޭ ގޮތްތައް ޤާނޫނުއަސާސީއާއި ޤާނޫނުގައި ބަޔާންކުރެވިފައިވަނިކޮށް، އެނޫން ގޮތަކަށް ވެރިކަން ބަދަލުކުރުމަށް ޤާނޫނީ ޚުދޫދުތަކުގެ ބޭރުން މަސައްކަތްކުރިޔަސް އެކަން ކާމިޔާބު ނުވާނޭ ކަމަށާއި، އަދި އަމިއްލަ އެދުމަށް މިފަދަ ކަންކަން ކުރާ ފަރާތްތަކަށް އެއްވެސް ފުރުޞަތެއް ނެތްކަމަށެވެ. އަދި ދިވެހި ޤައުމީ ދިފާޢުގެ ބާރުތަކުން އެކަމަށް އެއްވެސް ޖާގައެއް ނުދޭނޭ ކަމަށާއި، އަދި ދިވެހި ސަރުކާރު އޮތީ އެއަށްވުރެ ސާބިތުކަމާ އެކުގައިކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.   

"ދިވެހި ރާއްޖޭގައި މިހާރު މިއޮތް ސަރުކާރަކީ ދިވެހި ރާއްޖެ މިހާތަނަށް ނުދެކޭހާ ގަދަ ، ވަރުގަދަ ސަރުކާރެއް. އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނ ޢަބްދުލްޤައްޔޫމުގެ ސިޔާދަތާއެކު މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް ތަރައްޤީގެ ގިނަ ކަންކަން ކުރެވި، ރައްޔިތުންނަށް އުފާ ފާގަތިކަން ހޯއްދަވައިދެއްވަން މިކުރައްވާ މަސައްކަތްތައް ފެނި، މިކަން ހަޖަމް ނުކުރެވިގެން ދައްކާ ވާހަކަތަކަކީ އަޅުގަނޑުމެން މާބޮޑު ސަމާލުކަމެއް ދޭކަމެއް ނޫން" ހޯމް މިނިސްޓަރ އަޙްމަދު އަޒްލީން ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށްޓަކައި ރާއްޖެއިން ބޭރުގައި ތިއްބަވައިގެން ބޭރުގެ މީޑިއާތައް މެދުވެރިކޮށް ދައްކާ ވާހަކަތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ވާހަކަތަކެއް ނޫންކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫންކަމަށާއި ސަރުކާރު ވައްޓާލަން ދެކެވޭ ވާހަކަތަކަކީ ޣައިރުޤާނޫނީ ވާހަކަތަކެއްކަމަށް އަޒްލީން ވިދާޅުވިއެވެ. އަދި ޑިމޮކްރަސީގެ ކަންފުޅެއްވެސް ހުރި މީހަކު ޤާނޫނީ ވެރިކަން ވައްޓާލަން މަސައްކަތެއް ނުކުރާނެކަމަށް ވިދާޅުވިއެވެ.

"ރައްޔިތުން ކަންބޮޑުވާންވީ އެއްވެސްކަމެއް ނެތް، ސަރުކާރު އޮތީ ވަރަށް ވަރުގަދަކޮށް. އެދައްކާ ވަހާކަތަކަކީ އިންޓަރނޭޝަނަލް މީޑިއާތަކުގައި ދިވެހި ރައްޔިތުންނަށް ކުރެވޭ ވަރަށް ބޮޑު ނިކަމެތިކަމެއް. ރައްޔިތުން ދެކެ ލޯބިނުވާ، ރައްޔިތުންނަށް ނިކަމެތިކޮށް ހިތައި ރައްޔިތުންނަށް ނިކަމެތިކަން ގެނައުމަށް މަގުފަހިކުރުމަށް ކުރެވޭ ކަންތައްތަކެއް އެއީ. ރާއްޖެކަހަލަ މުސްލިމް ޤައުމަކަށް އަޅުގަނޑުމެންގެ ޢަދުއްވުން ގާތުން އެހީތެރިކަން ހޯދައިގެން ރާއްޖޭގެ ވަލިއްޔުލްއަމުރާ ދެކޮޅަށް މުސްލިމް ޤައުމުއްގެ ސަރުކާރާ ދެކޮޅަށް އެ ކުރެވޭ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން" ހޯމް މިނިސްޓަރ އަޙްމަދު އަޒްލީން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި މި އޮތް ޤާނުނީ ސަރުކާރު ވައްޓާލަން ބަޔަކު މަސައްކަތްކުރަނީ ޤާނޫނީ ބުރަދަނެއް އޮވެގެން ނޫންކަމަށެވެ. އަދި އެކަމަށް ޤާނޫނީ ޙުއްޖަތެއްވެސް ނެތްކަމަށެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ، ޑިމޮކްރަސީއާ ބީރައްޓެހި ބަޔަކު އަދި ޑޮމިކްރަސީއާ ބީރައްޓެހި ގޮތްތައް ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ޤާނޫނީ ސަރުކާރާ ދެކޮޅަށް، ޤާނޫނާ ޚިލާފަށް ކުރެވޭ ކަންކަމަށް ފުރުޞަތު ދެއްވުމަކީ ދިވެހި ސަރުކާރުން ކުރައްވާނެ ކަމެއް ނޫންކަމަށް. އަދި އިދިކޮޅު ޙަރަކާތްތަކަކީ ޤާނޫނުގެ ޙުދޫދުން ބޭރުން ހިންގާ ކަންތައްތަކަށް ވެގެން ނުވާނެ ކަމަށާއި އެފަދަ ކަންކަމަށް ޖާގަވެސް ނުދެއްވާނެ ކަމަށް.

އިދިކޮޅު ޙަރަކާތްތައްވެސް ވާންވާނީ ޞުލްޙަވެރިކަމާއެކު ހިންގޭ ޙަރަކާތްތަކަކަށް ކަމަށާއި ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑުން ބޭރުން ކުރެވޭ ސިޔާސީ އަދި އެ ނޫންވެސް އެއްވެސް ކަމަކަށް ދިވެހި ސަރުކާރުން ޖާގަ ނުދެއްވާނެކަމަށްވެސް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ޕީއެސްއާ ވާހަކަ ދައްކަވަމުން ވަނީ ވިދާޅުވި.