އިޓަލީގެ އެންމެ މަޝްހޫރު ދަނޑު ކަމަށްވާ ސެންސީރޯ ފުޓްބޯޅަ ސްޓޭޑިއަމް ތަޅާލަން ނިންމައިފި އެވެ.
100 އަހަރުވާން ކައިރިވެފައިވާ 99 އަހަރުގެ މި ދަނޑަކީ އިޓަލީގެ މަޝްހޫރު އޭސީ މިލާނާއި އިންޓަމިލާނުގެ ދަނޑެވެ. މިތަން ތަޅާލަން ނިންމީ މިތަނުގައި ސެންސީރޯގެ ނަމުގައި އައު ސްޓޭޑިއަމެއް ބިނާ ކުރުމަށެވެ.
ސްޓޭޑިއަމާއި އެތަން ވަށައިގެންވާ ސަރަހައްދު މިހާރު ވަނީ މިލާނުގެ ދެ ކުލަބުން ގަނެފަ އެވެ. މި މުއާމަލާތް މާދަމާގެ ނިޔަލަށް ނިންމަން އަންގާފައިވާއިރު ތާރީހަށްވުރެ ކުރިން ވަނީ އެކަނ ނިންމާފަ އެވެ. މިތަން އެ އެ ދެ ކުލަބަށް ވިއްކާލަން އިޓަލީގެ މިލާނުގެ ސިޓީ ކައުންސިލުން ނިންމީ 12 ގަޑިއިރުގެ ބަހުސަކަށް ފަހު ނެގި ވޯޓަކަށް ފަހު އެވެ. ސްޓޭޑިއަމް ވިއްކާލަން 24 މީހަކު ވޯޓުދިންއިރު ކައުންސިލްގެ 10 މީހަކު ވޯޓު ދިނީ މިކަން ކުރަން ނުފެންނަ ކަމަށެވެ.
ނަމަވެސް ސެންސީރޯ ތަޅާލަން ނިންމި މައިގަނޑު ސަބަބަކީ ސްޓޭޑިއަމް ބާ ވުމެވެ. އަދި އިޓަލީ ކޯ ހޯސްޓް ކުރާ 2032 ވަނަ އަހަރގެ ޔޫރޯ ފުޓްބޯޅަ މުބާރާތާ ދިމާކޮށް މި ދަނޑު އަލުން ހެދުމަށް ފަސޭހަވާނެތީ އެވެ.
ޖުމުލަ 75000 މީހުންނަށް ވަދެވޭ މި ސްޓޭޑިއަމް ބިނާ ކުރީ 1925 ވަނަ އަހަރު އެވެ. މި ދަނޑުގައި އިޓަލީގެ މުހިންމު މެޗުތަކެއް ކުޅެފައިވާއިރު ސްޓޭޑިއަމް ވަނީ ފަސް ފަހަރެއްގެ މަތިން މަރާމާރުކޮށްފަ އެވެ. މި ގޮތުން ސްޓޭޑިއަމުގެ ދެ ވަނަ ހަރުފަތް ބިނާކޮށްފައިވާތާ މިހާރު 40 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ.