ޚަބަރު

ޗައިނާއިން ރާއްޖެއަށް ފެންހިންދާ ޕަމްޕްތަކެއް ހަދިޔާކޮށްފި


  • މި ޕަމްޕުތަކާ ޙަވާލުވެވަޑައިގަތީ ދިފާޢީ ވަޒީރު

  • 6 ޕަމްޕެއް ވަނީ ހަދިޔާކޮށްފައި

  • މި ޕަމްޕުތައް ބޭނުންކުރާނީ މާލޭ ސަރަޙައްދުގައި

  • ކާރިސާތަކަށް އިޖާބަދިނުމަށް އެހީއަކަށްވާނެ

ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑްގެ ފަރާތުން ރާއްޖެއަށް ފެންހިންދާ ޕަމްޕްތަކެއް ހަދިޔާކޮށްފިއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތު ކުރިއަށްދިޔައީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. ފެންހިންދާ ޕަމްޕްތައް ހަވާލުކޮށްދެއްވީ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ ލިއު ޝިޔައޮޑާއެވެ. އަދި ރާއްޖޭގެ ފަރާތުން މި ޕަމްޕްތަކާއި ހަވާލުވެވަޑައިގަތީ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނެވެ.

ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑްގެ ފަރާތުން މިއަދު ވަނީ ޖުމުލަ 6 ފެންހިންދާ ޕަމްޕް ހަދިޔާކޮށްފައެވެ. މިތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓަރ މާލޭ ސަރަހައްދުގައިކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި ރަސްމިއްޔާތުގައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޒިިއަންހުއަރވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޗައިނާއިން ހަދިޔާކުރި ފެންހިންދާ ޕަމްޕަތަކާއެކު ކާރީސާގެ ވަގުތުތަކުގައި، ވަކިން ޚާއްސަކޮށް ވިއްސާރަވެ ފެންބޮޑުވެގެން ހިނގާ ޙާދިސާތަކުގައި، ފެން ހިންދުމުގެ މަސައްކަތްތަކަށް ލުއިފަސޭހަތަކެއް ލިބިގެންދާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.