ޚަބަރު

އަޒަރުބައިޖާން ކުޅުންތެރިންގެ ސްޓައިލް ތަފާތު، ރާއްޖޭގެ އެ ތަޖުރިބާއެއް ނެތް: ޓީޓީ ޓީމުގެ ކޯޗު


  • އަޒަރު ބައިޖާން ކުޅުންތެރިންގެ ސްޓައިލާއި ދެކޮޅަށް ކުޅުމުގެ ތަޖްރިބާއެއް ރާއްޖޭގެ ނެތް

  • ކުއާޓަރ ފައިނަލްގައި ބަލިވިނަމަވެސް އަންހެން ޓީމުން ވަރަށް ރަނގަޅު ވާދައެއް ކުރި

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ އަންހެން ޓޭބަލް ޓެނިސް (ޓީޓީ) ޓީމަށް އަޒަރބައިޖާން އަތުން ކުއާޓާރ ފައިނަލްގައި ބަލިވިއިރު އެ ޓީމުގައި ތިބީ ވަރަށް ވަރުގަދަ އަދި ތަފާތު ސްޓައިލެއްގެ ކުޅުންތެރިންކަމަށާއި ޗ ކޯޗު، އީރާނުގެ މަހްދީ ޚޯޝްމަރަމް ބުނެފިއެވެ.

ސައުދީ އަރަބިއްޔާގެ ރިޔާޟުގައި ކުރިޔަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ކުޅުންތެރިން ދެއްކި ކުޅުމާއި ބެހޭގޮތުން ވާހަކަދައްކަމުން ކޯޗު ބުނީ ކުރިޔަށް އޮތް ތަނުގައި މިކަން ހައްލުކުރަން ޖެހޭ ކަމަށެވެ.

"އެ ސްޓައިލުގެ ކުޅުންތެރިންނާއި ދެކޮޅަށް ކުޅުމުގެ އެއްވެސް ތަޖުރިބާއެއް ދިވެހި ކުޅުންތެރިންގެ ނެތް. މިއީ މުސްތަގްބަލުގައި ކުޅޭ ޓޯނަމަންޓްތަކަށް ހައްލުކުރަން ޖެހޭ މައްސަލައެއް" ކޯޗު ބުންޏެވެ.

ވަކި ވަކި ކުޅުންތެރިންނާ ބެހޭ ގޮތުން ވާހަކަދައްކަމުން ޚޯޝްމަރަމް ބުނީ އައިޝަތު ރަފާ ނާޒިމު ދިރިއުޅެނީ އިނގިރޭސިވިލާތުގައި ކަމުން އޭނާއަށް މުބާރާތަށް އެކަށީގެންވާވަރަށް ފަރިތަނުކުރެވުނު ކަމަށެވެ. އޭނާއަށް ޓްރޭނިންގއަށް ދެވުނީ ހަފްތާއަކު ދެ ސެޝަނަށް ކަމަށާއި، އެހެންކަމުން މި މުބާރާތުގައި އެންމެ ރަނގަޅަށް ރާއްޖެއަށް ނުކުޅެވުނު ކަމަށެވެ.

ރާއްޖޭން ސިންގަލްސްއަށްވުރެ ޑަބަލްސް މެޗުތަކުގައި ރަނގަޅު ކުޅުމެއް ދެއްކިއިރު ކޯޗު ބުނީ ޑަބަލްސް މެޗުތައް ތަފާތު ކަމަށާއި، އެއީ ސިންގަލްސްއާއި ޑަބަލްސްގައި ސާވިސް ކުރުމުގައި ހުރި ތަފާތުތަކުގެ ސަބަބުން ކަމަށެވެ.

ކުއާޓަރ ފައިނަލްގައި ބަލިވިނަމަވެސް އަންހެން ޓީމުން ވަރަށް ރަނގަޅު ވާދައެއް ކުރިކަމަށާއި، ރަނގަޅު ކުޅުމެއް ދެއްކި ކަމަށް ކޯޗު ފާހަގަކުރިއެވެ. އަދި ކުރިޔަށް ހުރި މުބާރާތްތަކުގައި މިއަށްވުރެ ރަނގަޅަށް ކުޅެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށްވެސް ކޯޗު ބުންޏެވެ.

ކުއާޓާރ ފައިނަލްގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމުގެ މައްޗަށް އަޒަރުބައިޖާންގެ ޕެއަރއިން ކުރި ހޯދީ ސީދާ 4 ގޭމުންނެވެ.