ޑިޖިޓަލް ކަންޓްރީ ޕާޓްނަރޝިޕްގެ ދަށުން ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވައި އީޖާދީ ބަދަލެއް ގެނައުމަށް ކެނޑިނޭޅި ކުރާ މަސައްކަތް ފާހަގަކޮށް، މާސްޓަރ ކާޑުން އެކަމުގެ އަގުވަޒަންކޮށްފިއެވެ.
ސިންގަޕޫރުގައި ބޭއްވި 'ޑިޖިޓަލް ފައިނޭންސް ލީޑަރޝިޕް' އިވެންޓުގައި މި އެވޯޑް ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާ ހަވާލުކޮށްދެއްވީ، މާސްޓަރ ކާޑުގެ ސްރީލަންކާ އަދި ރާއްޖޭގެ ކަންޓްރީ މެނޭޖަރ، ސަންދުން ހަޕުގޮޑާއެވެ.
މިއަހަރުގެ އޮގަސްޓް މަހު ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއާއި، މާސްޓަރ ކާޑު އަދި ބޭންކް އޮފް މޯލްޑިވްސްއާއެކު ސޮއިކުރި 'ޑިޖިޓަލް ކަންޓްރީ ޕާޓްނަރޝިޕް' އަކީ، ދިވެހިރާއްޖޭގައި ޑިޖިޓަލް ބަދަލުތައް ގެނައުމަށާއި، އީޖާދީ ކަންކަން ކުރިއެރުވުމަށް ބީއެމްއެލްއިން ވި ވަޢުދު ފުއްދުމަށް ކުރާ މަސައްކަތްތަކުގެ ރަމްޒެއް ކަމަށް އެ ބޭންކުން ވިދާޅުވިއެވެ.
މި ޕާޓްނަރޝިޕްގެ ދަށުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ޒަމާނީ ކުރުމަށާއި، ރައްކާތެރި އަދި ހަލުވި ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށް އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި، މުޖުތަމަޢުތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ބީއެމްއެލްއާއި މާސްޓަރ ކާޑު ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.
2002 ވަނަ އަހަރު ބީއެމްއެލްއިން މާސްޓަރ ކާޑު ޕްރިންސިޕަލް މެންބަރަކަށް ވުމަށްފަހު، ރާއްޖޭގެ ފައިސާ ދެއްކުމުގެ ނިޒާމަށާއި، މާލީ ދާއިރާއަށް ބޮޑެތި ބަދަލުތައް ގެނައުމަށް ބޭންކް އޮފް މޯލްޑީވްސްއާއި މާސްޓަރ ކާޑު ގުޅިގެން ވަނީ ގިނަ މަޝްރޫއުތަކެއް ހިންގައި އެކުގައި މަސައްކަތްކޮށްފައެވެ. މިގޮތުން އީޖާދީ 'ސްމާޓް ސިޓީ' ހައްލުތަކުގެ ތެރެއިން، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގައި ފައިސާ ދެއްކޭނެ ޚާއްސަ އިންތިޒާމެއް ހަމަޖެއްސުމަކީ، ބީއެމްއެލްއާއި މާސްޓަރ ކާޑު ގުޅިގެން ކުރި މަސައްކަތެކެވެ.
މާސްޓަރ ކާޑުގެ ފަރާތުން މި އެވޯޑް ލިބުމަކީ، ސްޓްރެޓީޖިކް ޕާޓްނަރޝިޕްތައް ބިނާކޮށް، ޓެކްނޮލޮޖީއާއި އެއްބާރުލުމުގެ ބޭނުން ކޮށްގެން އީޖާދީ ޑިޖިޓަލް ޙައްލުތައް ހޯދައި ރާއްޖޭގެ އިޤްތިޞާދާއި ޓެކްނޮލޮޖީ ކުރިއަރުވަން ބޭންކުން އަދާކުރާ އިސް ދައުރުގެ ހެއްކެއް ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.