ޖުޑިޝަރީ މިނިވަންކޮށް މި ގެންނަ ބަދަލުތަކުގެ ސަބަބުން ވާނުވާ ބަންދުގެ މައްސަލައަށް ޙައްލު ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަޤީން ކަމެއް އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކަރުން ވަނީ، އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދަޢުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް ޖުޑިޝަރީއަށް ކަނޑައެޅުމަށް ނިންމަވާފައެވެ. އެގޮތުން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށައެޅި ބަޖެޓުގައި މި ދާއިރާއަށް 807 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުގެ މި ނިންމުމާއެކު އަސްލީ މާނައިގައި ޖުޑިޝަރީއަށް މިނިވަންކަން ހޯދައިދީފައިވާ ކަމަށެވެ. އަދި ކުރިން ވަކި ތަނަކުން ހުއްދަތައް ނަގައިގެން ޚަރަދުތައް ކުރަންޖެހޭ ގޮތް ނިމުމަކަށް ގެނައުމާއެކު، ޚިދުމަތްތަކާއި މަސައްކަތްތައް އަވަސްކޮށް ގެންދިއުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ.
"ޖުޑިޝަރީއަށް ވަކި އެކައުންޓެއް ކަނޑައަޅާ، އަމިއްލައަށް ޚަރަދުތައް ބެލެހެއްޓޭނެ ގޮތް އެވަނީ ކަނޑައަޅާފަ. މިނިވަންކަމާއެކު ޚިދުމަތް ކުރުމާއި، ބޭނުންވާ ވަސީލަތްތައް ހޯދުމާއި، މުވައްޒަފުން ހޯދުމާއި، އަދިވެސް މުހިންމު ކަންތައްތައް އަމިއްލައަށް ކުރެވޭ ގޮތް އެވަނީ ހަމަޖެހިފަ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ހުރިހާ ކަމަކުން ނެރެން ބޭނުންވާ ނަތީޖާއަކީ އަދުލު އިންސާފު ޤާއިމްކުރުމުގެ މަސައްކަތްތައް އަވަސްކުރުން ކަމަށެވެ. ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާ އެއްގޮތަށް، ވާނުވާ ބަންދުގެ މައްސަލަތަކަށް އަވަސް ޙައްލެއް ގެނައުމުގެ މަސައްކަތްތަކަށް މަގުފަހި ކުރުން ކަމަށެވެ. އެކަން ޖުޑިޝަރީން އެގޮތަށް ކުރިއަށް ގެންދާނެ ކަމުގެ ބޮޑު ޔަޤީންކަމެއް އެބައޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ވާނުވާ ބަންދުގައި ތިބެގެން ނުވާނެ. އެމީހުންގެ ޙައްޤުތަކެއްވޭ. %100 ޔަޤީން، މި ގެންނަ ހެޔޮ ބަދަލުތަކާއެކު މި މައްސަލަތައް އަވަހަށް ނިންމަން ޖުޑިޝަރީން މަސައްކަތް ކުރާނެ ކަން. ޤާނޫނީ އިސްލާޙުތައް ގެންނަންޖެހޭ ކަންކަމުގައިވެސް ސަރުކާރުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ސަރުކާރުން ދޭނެ ކަމުގެ ޔަޤީންކަން ދެން. އެއީ މަޖިލީހުގެ ތެރެއިންވިއަސް، ޝަރުޢީ ދާއިރާގެ ކަންކަމަށް ސަރުކާރުން އެއްބާރުލުން ދޭނަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކްރިމިނަލް ކޯޓުގެ އިމާރާތް ހުޅުވި ޚިދުމަތް ދޭން ފަށާފައިވާއިރު، ޑްރަގް ކޯޓަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ޤާއިމުކޮށްދިނުމުގެ މަސައްކަތްވެސް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާނެ ކަމަށެވެ.
އަދި މިއިން ކޮންމެ ކަމެއްގެ ބޭނުމަކީ، މައްސަލަތައް އަވަހަށް ކޯޓަށް ވައްދާ، ޝަރީއަތްތައް އަވަހަށް ކުރިއަށް ގެންގޮސް ނިންމުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.