ކުޅިވަރު

ފަލަސްޠީނު ޓީމަށް އެހީވުމުގެ ގޮތުން ވިއްކާ ސުވެނިއަރ ޓިކެޓް ގަތުމަށް ކުޅިވަރު ވަޒީރު އެދިވަޑައިގެންފި


މިމަހުގެ 13 އަދި 15 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ ރާއްޖެ އަދި ފަލަސްޠީނު ބައްދަލުކުރާ އެކުވެރިކަމުގެ މެޗުގައި ފަލަސްޠީނަށް އެހީވުމުގެ ގޮތުން ފުޓްބޯލް އެސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ވިއްކަމުން އަންނަ ސުވެނިއަރ ޓިކެޓް ވީހާވެސް ގިނަ ބަޔަކު ގަނެ އެޓީމަށް އެހީތެރިވެދިނުމަށް ކުޅިވަރާ ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެދިވަޑައިގެންފިއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގަ ވަޒީރު ވިދާޅުވީ މި ފުރުސަތަކީ ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ފަލަސްޠީނުގެ ޓީމަށް އެހީތެރިވުމަށް ހުޅުވިފައިވާ ފުރުސަތެއްކަމަށެވެ. އަދި އޭގެ އިތުރުން ރާއްޖެ – ފަލަސްޠީނު މެޗުވެގެންދާނީ މިމަހުގެ 22 ވަނަ ދުވަހު ތައިލޭންޑްގެ ޗޮންބުރީގަ ކުރިއަށްދާ އޭޝިއަން ކަޕު ކޮލިފައިންގެ ގްރޫޕް ޑީގެ މެޗުތަކުގެ ކުރިން ރާއްޖޭ ޓީމަށް ލިބިގެންދާނެ ރަނގަޅު ތަޖުރިބާ މެޗުތަކަކަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ ފަލަސްޠީނު ޓީމަށް އެހީތެރިވުމުގެ ގޮތުން ނަމަވެސް އަޅުގަނޑުމެން ރަމްޒީ ޓިކެޓެއް ވިއްކާގޮތަށް މިއޮތީ ހަމަޖެހިފަ. އެފްއޭއެމްއިން އެގޮތަށް އިއުލާންކުރައްވާފަ އޮތީ. ދެކަމެއް އަޅުގަނޑުމެންނަށް ހާސިލްވެގެންދާކަމަށް އަޅުގަނޑު ދެކެނީ. އެއްކަމަކީ ފަލަސްޠީނުގެ ޓީމަށް އެހީތެރިކަން ފޯރުކޮށްދިނުން. އަނެއްކަމަކީ ރަނގަޅު ފުޓްބޯޅަ މެޗެއް ބަލާލަންވެސް ފުރުސަތު ލިބުން" ވަޒީރު ވިދާޅުވިއެވެ.

ރާއްޖެ އަދި ފަލަސްޠީނު މެދުގައި ކުޅެވޭ އެކުވެރިކަމުގެ މެޗާ ގުޅޭގޮތުން ކުޅިވަރު ވަޒީރު އިތުރަށް ވިދާޅުވީ އެޓީމަކީ ޗެލެންޖިން ޓީމެއްކަމަށެވެ. އެޓީމަކީ ފެންވަރު ރަނގަޅު ޓީމެއްކަމަށް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މިއީ ދިވެހި ކުޅުންތެރިންނަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއްކަމަށެވެ. މިމެޗުގައި ދިވެހި ކުޅުންތެރިންގެ ހުނަރުވެރިކަން ދައްކާލުމުގެ ފުރުސަތު ފަހިވެގެންދާއިރު އިތުރަށް ރަނގަޅުކުރަންވީ ދިމާތައް ފާހަގަކުރެވިގެންދާނެކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

"ފުދޭވަރަކަށް ހަމަ ކޮލިޓީ ރަނގަޅު ފުޓްބޯޅަ ކުޅޭ ގައުމެއް ފަލަސްޠީނަކީ. އެހެންވީމަ އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންގެ ޕްލެޔަރުންނަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް މިއީ. އަޅުގަނޑުމެންގެ ޓެލެންޓު ދައްކާލަން އަދި އަޅުގަނޑުމެންނަށް އިމްޕްރޫވް ކުރަން ހުރި ކަންތައްތައްވެސް ފެނިގެންދާނެ" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިމެޗު ބެލުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަންނާނެކަމަށް އުންމީދުކުރައްވާކަމަށެވެ. އޭގެ އިތުރުން މިދަނޑިވަޅަކީ ފަލަސްޠީނު ޓީމަށް އެހީތެރިވުމަށްވެސް ހުޅުވިފަވާ ރަނގަޅު ފުރުސަތެއްކަމަށް ވަޒީރު ހާމަކުރެއްވިއެވެ. އެޓީމަށް އެހީތެރިވުމުގެ ގޮތުން ސުވެނިއަރ ޓިކެޓްތައް ގަތުމަކީ ކުޅިވަރު ވުޒާރާގެ ވަރަށް ބޮޑު އެދުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެހެންވީމަ މި ފުރުސަތުގެ ބޭނުން ދިވެހި އެންމެންވެސް ކެރި ފޯރުން ހުރި މިންވަރަކުން ދަނޑަށް ވަޑައިގެން އެކަން އެކްސްޕީރިއަންސް ކޮށްދިނުމަކީ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއް. އަދި ހަމަ ފުޓްބޯޅަ އާއިލާގެވެސް ވަރަށް ބޮޑު އެދުމަކަށްވާނެ" ވަޒީރު ވިދާޅުވިއެވެ.

ފަލަސްޠީނުގެ ޒުވާން ޤައުމީ ޓީމަށް އެހީތެރިވުމުގެ ގޮތުން އެފްއޭއެމްއިން ތަޢާރަފުކޮށްފަވަނީ ސްވެނިއަރ ޕްލެޓިނަމް ޓިކެޓްގެ ނަމުގައި 1000 ރުފިޔާއަށް ވިއްކާ 50 ޓިކެޓާއި ސްވެނިއަރ ގޯލްޑް ޓިކެޓްގެ ނަމުގައި 500 ރުފިޔާއަށް ވިއްކާ 200 ޓިކެޓެވެ. މި ޓިކެޓްތައް މާދަމާއިން ފެށިގެން އެފްއޭމްއިން ވިއްކަމުން ގެންދާނެއެވެ.