ކާށިދޫއަށް ވަންނަން އުޅުމުގެ ތެރޭގައި އެ ރަށު ނެރު ބޭރުން ފަރަށް އެރި ބޯޓުން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ ގެއްލުނު ބަންގްލަދޭޝް މީހާ ފެނުނީ އެ ސަރަހައްދުގެ މޫދުންކަމަށާއި، އޭނާ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށެވެ. މަރުވެފައި ވަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ، އުމުރުން 30 އަހަރުގެ އެމް.ޑީ އަލަމްގިރްކަމަށެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.
އަންގާރަދުވަހުގެރޭ 7:52 ހާއިރު ހިނގި މި ހާދިސާގައި ކާށިދޫ ފަރަށް އަރާފައިވަނީ މާލެ އިން ފުރައިގެން އެރަށަށް ދަތުރުކުރި، ފައިސަލާ ނަމަކަށް ކިޔާ ބޯޓެކެވެ. އެމްއެންޑީއެފްއިން ވިދާޅުވީ މި ބޯޓުން ދަތުރުކުރަމުންދިޔައީ 11 މީހުންކަމަށާއި އެއީ 5 ދިވެހިންނާއި 6 ބިދޭސީއެއްކަމަށެވެ.
މި ބޯޓު ފަރަށް އެރުމާ ގުޅިގެން ދޯނީގައި ހުރި ގިނަ މުދާތަކެއް ކަނޑަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އެންމެހާ ފަރާތްތަކުން ސަމާލުވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.