ތަރައްްޤީ

އަމިއްލަ މަސްލަހަތައްވުރެ ޤައުމީ މަސްލަހަތު އިސްކުރުން މުހިންމު


އަމިއްލަ މަސްލަޙަތު އިސްނުކުރައްވައި ޤައުމީ މަސްލަޙަތާއިގެން ކުރިއަށް ވަޑައިގަތުމަށް ޕީޕީއެމްގެ ރައީސަށާއި މެންބަރުންނަށް އަދި ދިވެހި ރައްޔިތުންނަށް، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ އަދި ވިލުފުށީ ދާއިރާގެ މެންބަރ ރިޔާޒް ރަޝީދު ގޮވާލައްވައިފިއެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރ ރިޔާޒް ރަޝީދު ވިދާޅުވީ، ކޮންމެ މީހެއްގެވެސް ކޮނޑުގައި މަސްއޫލިއްޔަތެއް އެޅިފައިވާކަމަށާއި އެކީ އަމިއްލަ މަސްލަޙަތަށްވުރެ ޤައުމީ މަސްލަޙަތު އިސްކުރުންކަމަށެވެ.

"މިނިވަންކަމާއެކުގައި މި ޤައުމު އަޅުގަނޑުމެންގެ ޖީލުތަކަށް ގެންގޮސްދިނުމަށްޓަކައި އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައި އޮތް މަސްއޫލިއްޔަތެއް އެބައޮތް.. ކޮންމެ މީހެއްގެވެސް ކޮނޑުގައި އެޅިފައި އޮތް މަސްއޫލިއްޔަތެއް އެބައޮތް، ޕީޕީއެމްގެ ތިބި މެންބަރުންގެވެސް އެބައޮތް ވަރަށްބޮޑު މަސްއޫލިއްޔަތެއް، އެހެންވީމަ މިއަދު އަޅުގަނޑު ދަންނަވަން ބޭނުންވަނީ، ޕާޓީއަށްވެސް ގޮވާލަން ބޭނުންވަނީ، ޕާޓީގެ ރައީސަށްވެސް ގޮވާލަން ބޭނުން، ރައީސް ޔާމީނާއެކު ކުރިއަށް ވަޑައިގަންނަވާށޭ.. ޤައުމީ މަސްލަޙަތު އިސްކުރައްވާށޭ، އަމިއްލަ މަސްލަޙަތައްވުރެ ޤައުމޭ އިސްވާނީ" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ރަޝީދުގެ ވާހަކައިގައި، ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި މިހާތަނަށް ރާއްޖޭގެ ވެރިކަމަށް ވަޑައިގަތް ބޭފުޅުންގެ ތެރެއިން ކުރު މުއްދަތެއްގެ ތެރޭގައި މިހާރު ރާއްޖެ މިދެކޭފަދަ ތަރައްޤީއެއް ގެންނެވި ބޭފުޅަކު ނެތްކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ ދިމާއަކަށް ބަލާލިކަމުގައިވިޔަސް ތަރައްޤީގެ މަޝްރޫޢުއެއް ކުރިއަށް ނުދާ ދިމާއެއް ނެތްކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.