ތަރައްްޤީ

ބޭރުގެ ނުފޫޒާދެކޮޅަަށް ދީނީ ޢިލްމްވެރިން ތެދުވާންވެއްޖެ- އިލްހާމް


ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫއަރާ ހިސާބަށް ކަންތައްތައްތަކެއް ކުރަން ބަޔަކު ރާވަމުންދާކަމަށާއި، މި ވަގުތަކީ ރާއްޖޭގައި ތިބި ދީނީ ޢިލްމްވެރިން، ޚާއްޞަކޮށް އަދާލަތުޕާޓީ ދިވެހި ޤައުމަށްޓަކައި ތެދުވާންވީ ވަގުތުކަމުގައި ޖުމްހޫރީޕާޓީގެ ނާއިބް ލީޑަރ އަދި ދަނގެތީ ދާއިރާގެ މެންބަރ އިލްހާމް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރ އިލްހާމް ވިދާޅުވީ، މިއަދު ރާއްޖޭގެ ކަންތައްތައް ހަމަ މަގަށް އެޅުވުމަށް އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ޢިލްމްވެރިންނަށް ކަމަށާއި، މި ވަގުތަކީ އަދާލަތު ޕާޓީގައި ތިބި އިސް ދީނީ ޢިލްމްވެރިން ބަސް ބުނަންވީ ވަގުތު ކަމަށެވެ. އަދި ސޫރިޔާއާއި ފަލަސްތީނުފަދަ ޤައުމުތަކަށް ބޭރުގެ ނުފޫޒުތަކުގެ ސަބަބުން ވަމުންދާގޮތް، ރާއްޖެއަށް ވިޔަ ނުދިނުމަށް ޢިލްމްވެރިން ތެދުވާންޖެހިފައިވާކަމަށް އިލްހާމް ވިދާޅުވިއެވެ.

"އަދާލަތު ޕާޓީގެ ދައުރު ވަރަށް މުހިންމު، އަދާލަތު ޕާޓީގެ ބޭފުޅުންނަށް އިޙްތިރާމާއެކު މި ދަންނަވަނީ ތިބޭފުޅުން ޤައުމަށްޓަކައި މިވަގުތަށް ތެދުވަންޖެހޭ ވަގުތޭ. ތިބޭފުޅުންނަށް ތެދުވެ ވަޑައިނުގަންނެވޭނަމަ ވަކިވަކި ފަރުދުން ނުކުންނަވަންވީ ވަގުތޭ. ތިޔައިގެ ތެރެއިން އިސް ބޭފުޅުން ބަސް ބުނަންވީ ވަގުތޭ. ދިވެހި ޢިލްމްވެރިންނަށް. ރާއްޖޭގައި ތިބި ޢިލްމް ވެރިންނަށް، ޤައުމުދެކެ ލޯބިވާ އެންމެ ބޮޑަށް ލޯބިވާ ބޭފުޅުންނަކީ ޤައުމުގައި ތިބި އިލްމްވެރިން، ހަމަ ރެސްޕެކްޓާއިއެކު މިދަންނަވަނީ، އެބޭފުޅުންނަށް ގޮވާލަނީ ތިބޭފުޅުންގެ ވާޖިބް އަދާކުރަން ނުކުންނަވާށޭ، މި ޤައުމަކީ ސީރިޔާއަށް ހައްދަވަން ތިބޭފުޅުން ޖާގަ ނުދެއްވާށޭ، މި ޤައުމަކީ ފަލަސްތީނަށް ހައްދަވަން ޖާގަ ނުދެއްވާށޭ، މީ ކުޑަކުޑަ އާބާދީއެއް، ތިންލައްކައިގެ އާބާދީއެއް، ކީއްވެގެންތޯ، ކޮންކަމެއް ނުވެގެންތޯ، ކޯއްޗެއް ބޭނުންވެގެންތޯ، ކކޮންކަމެއް ހާޞިލްކުރަންތޯ ދުނިޔޭގެ ބޮޑެތި ޤައުމުތަކުން މިއުޅެނީ" އިލްހާމް ވިދާޅުވިއެވެ.

މެންބަރ އިލްހާމްގެ ވާހަކައިގައި، ދުނިޔޭގެ ބައެއް ބޮޑެތި ބާރުތަކުން ރާއްޖެއަށް އަތްގަދަކުރުމަށް މަސައްކަތްކުރަމުންދާކަމަށް ތުހުމަތުކުރައްވާ މިފަދަ ފުރުޞަތެއް ދެވިގެން ނުވާނެކަމަށް ވިދާޅުވިއެވެ.

"މި ޤައުމުގަ ކޮންކަމެއް ކޯއްޗެއް ނުލިބިގެން، ކޮންކަމެއް ނުވެގެން އާސަންދަ ނުލިބިގެންތޯ ބޭސްފަރުވާއަށް ސަލާންޖަހަން ޖެހިގެންތޯ ކޮންކަމެއް ނުވެގެންތޯ މިއަދު އައިސް ބޮޑެތި ޤައުމުތަކުން މި ޤައުމަށް އަރާ މި ޤައުމަށް އަތްގަދަކުރަން މިއުޅެނީ ކީއްވެގެންތޯ މީ ސުވާލަކީ.

އަޅުގަނޑުމެންނަށް ކުރެވޭ ކަމެއްގެ ސަބަބުން، އަޅުގަނޑުމެންގެ ތެރެއިން ބަޔަކު އަމަލުކުރާ ކަމެއްގެ ސަބަބުން، އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންގެ ތެރެއިން، އަޅުގަނޑުމެންގެ ދަރިން ރޮއެހިތާމަކުރާ ދުވަސް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް. މިދާ ދުވެލީގައި ދަންޏާ، މިދާ ދުވެލީގައި ދަންޏާ ބައެއްގެ އަޅުވެތިކަމަށް ދިއުމަކީ ހަމަ އެކަށީގެންވާ ކަމެއް" އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވަނީ، ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކާއި ރާއްޖެއަށް އަންނަ ފަތުރުވެރިން ބިރުގަންނަ ހިސާބަށް ޤައުމުގެ ކަންތައްތައް ބަދަލުކުރުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި މިފަދަ ކަންތައްތަކަކީ ރައީސުލްޖުމްހޫރިއްޔާ އަބްދު ﷲ ޔާމީން ނިކަމެތިކޮށްލުމުގެ ބޭނުމުގައި ކަމަށް ދެކިގެން ބަޔަކު ކުރާ ކަންތައްތަކަކަށް ވީ ނަމަވެސް މީގެ ނިކަމެތިކަން އަންނަނީ ރައްޔިތުންނަށް ކަމަށް ވިދާޅުވިއެވެ.