ޚަބަރު

"ސަރުކާރުގެ އަމާޒަކީ އަތްފޯރާފަށުގައި އެކަށީގެންވާ ބޯހިޔާވަހިކަމެއް ތަނަވަސްކޮށްދިނުން"


  • ކުރީ ސަރުކާރުގެ ދަރަނީގެ ސަބަބުން ބޯހިޔާވަހިކަމަށް ލޯނު ލިބުމުގައި ދަތިތަކާ ވަނީ ކުރިމަތިވެފައި

  • ބީއެމްއެލްގެ ޔުނިޓުތައް ސަރުކާރުގެ ޔުނިޓުތަކާ އެއް އަގެއްގައި ފޯރުކޮށްދެވޭނެ

މި ސަރުކާރުން މަސައްކަތް ކުރަނީ ކޮންމެ ޢާއިލާއަކަށްވެސް އަތްފޯރާފަށުގައި އެކަށީގެންވާ ބޯހިޔާވަހިކަން ތަނަވަސްކޮށްދޭން ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެެވެ. ވަޒީރު މިހެން ވިދާޅުވީ 3000 ހައުސިންގ ޔުނިޓު އެޅުމަށް ބޭނުންވާ ބިން ބީއެމްއެލްއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ ހައުސިންގ ޔުނިޓު އެޅުމަށް ސަރުކާރުގެ ފަރާތުން ބީއެމްއެލްއާ ބިން ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒު ކުރުމަށް ކަމަށެވެ. ސަރުކާރުން އެ ބޭންކާ ބިން ހަވާލުކޮށްފައިވަނީ އިތުރު އެއްވެސް އަގެއް ނުހިމަނައި ކަމަށާއި އެހެންވެ، އެ ބޭންކުން އަޅާ ހައުސިންގ ޔުނިޓުތަކަކީ މިހާރު ސަރުކާރުގެ އެކި ހައުސިންގ މަޝްރޫއުތަކުގައި ދޫކުރާ ޔުނިޓުތަކާ އެއްހަމަ އަގެއްގައި ދޫކުރެވޭ ޔުނިޓުތަކަށް ވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުރީ ސަރުކާރުތަކުން ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދިޔައީ ލޯނު ނަގައިގެންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ޤައުމުގެ އިޤްތިޞާދު އޮތް ހާލަތުގެ ސަބަބުން އެކަން އެގޮތަށް ކުރުމަށް އަދުގެ ސަރުކާރަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ކޮންމެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަމުގެ ޙައްގު ކަށަވަރު ކުރުމަށް ސިޔާސަތުތައް ކަނޑައަޅައި، ކޮންމެ ޢާއިލާއަކަށްވެސް އަތްފޯރާ ފަށުގައި އެކަށީގެންވާ ބޯހިޔާވަހިކަން ތަނަވަންސްކޮށްދޭން މިސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ކުރީ ސަރުކާރުން ވަރަށް ބޮޑު އަދަދެއްގެ ދަރަނި ނަގާފައިވުމާއެކު ލޯނު ލިބުމުގައި ހުރިހާ ގޮތަކުންވެސް ދަތިކަމާވަނީ ކުރިމަތިވެފައި. އެހެންކަމުން ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން މަސައްކަތް ކުރީ އެމަނިކުފާނުގެ ވައުދާ އެއްގޮތަށް ބޯހިޔާވަހިކަމުގެ ސިޔާސަތު އެކުލަވާލައި، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ބޯހިޔާވަހިކަމުގެ ޙައްގު، އެ މީހެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ފޯރުކޮށްދިނުން،" ވަޒީރު ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.

ވަޒީރު މުއްޠަލިބު ވިދާޅުވީ ބީއެމްއެލްއިން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ވިލިމާލޭގައި 300 ހައުސިންގ ޔުނިޓާއި ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ތިންވަނަ ފިޔަވަހީގައި 2700 ހައުސިންގ ޔުނިޓު ގާއިމްކުރާނެ ކަމަށެވެ. މި ޔުނިޓުތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ބޭންކުން ކަނޑައަޅާ އުސޫލުތަކަށް ފެތޭ އަދި ސަރުކާރުން އިއުލާން ކުރާ ޕްރޮގްރާމްތަކަށް ކުރިމަތިލާ ފަރާތްތަކަށް ކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށާއި ސަރުކާރުގެ ވަޢުދުތައް ފުއްދުމުގައި ކުރީގެ މެނޭޖްމަންޓުތަކުން ސަރުކާރުތަކަށް އެއްބާރުލުން ނުދޭ މިންވަރަށް ބީއެމްއެލްގެ މިހާރުގެ މެނޭޖްމަންޓުން އަދުގެ ސަރުކާރަށް އެއްބާރުލުން ދެއްވާކަމަށްވެސް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.