ޚަބަރު

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރަން ވަރުގަދަ ފިޔަވަޅުތަކެއް


  • ރާއްޖެ އެތެރެވާ ޕެކޭޖުތައް ބަލައި ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ދަނީ ކުރަމުން

  • 2024 ވަނަ އަހަރު މަސްތުވާތަކެއްޗާ ގުޅުންހުރި 158 އޮޕަރޭޝަނެއް ހިންގާފައިވޭ

  • މަސްތުވާތަކެއްޗާ ގުޅޭ ޤާނޫނު ދަނީ އިސްލާހުކުރަމުން

  • އިއްޔެ ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ފަށާފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރިމަތިވެފައިވާ އިޖުތިމާޢީ އެކި ވަބާތަކުން މުޅި ޤައުމު ސަލާމަތްކުރުމަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވަން ފެއްޓެވިއެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ދާޚިލީ ދާއިރާއިން ރާއްޖެއަށް ކުރިމަތިވެފައިވާ ވަބާތައް ހުއްޓުވުމަށް ހިންގާ އޮޕަރޭޝަންތަކާއި ކުރައްވަން ފަށްޓަވާފައިވާ މަސައްކަތްތަކެވެ.

ދާޚިލީ ދާއިރާއިން 3 ވަބާއަކުން ރާއްޖެ ސަލާމަތްކުރުމަށް އަދުގެ ސަރުކާރުން ނިންމަވާފައިވެއެވެ. އެއީ ގޭންގު ކުށްތައް ހުއްޓުވުމާއި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމާއި މަސްތުވާތަކެތީގެ ވަބާއިން މުޅި ޤައުމު ސަލާމަތްކުރުމެވެ. މީގެ ތެރެއިން މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ދޮވެ ސާފުކުރުމަށް އެހެން ސަރުކާރުތަކާ ޚިލާފަށް މި ސަރުކާރުން ދަނީ އާދަޔާޚިލާފު ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މީގެ ކުރިން މަސައްކަތްކުރަމުންދިޔަ މިސްރާބު މުޅިން ބަދަލުކޮށް، ވަށައިޖެހޭ ހައްލެއް މި ނުބައި ބޮޑު މައްސަލައަށް ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތްކުރައްވަމުންނެވެ.

މި ސަރުކާރުން އަމާޒު ހިފާފައިވަނީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެވުން ހުއްޓުވައި، ޑްރަގް ނެޓްވަރކްތަކުގެ ބޮޑުން ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް ޤާނޫނު ތަންފީޒުކުރުމަށެވެ.

މި އަމާޒަށް ވާޞިލުވުމަށްޓަކައި ސަރުކާރުންކުރައްވާފައިވާ މަސައްކަތްތަކުގެ ތެރޭގައި ވައިގެ ބަނދަރުތަކާއި ޕޯސްޓުގެ ޒަރިއްޔާއިން އެތެރެވާ ޕެކޭޖުތައް ބަލައި ނިޒާމު ހަރުދަނާކޮށް، ކަނޑު މަގުން އެތެރެވާ މަސްތުވާތަކެތި އަތުލައިގަތުމަށް ކޮންޓެއިނަރ ސްކޭނަރެއް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަންތައް ވަނީ އިތުރުކޮށްފައެވެެ.

2024 ވަނަ އަހަރުގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި 158 އޮޕަރޭޝަނެއް ހިންގާ، 12561 މީހުން ބަލާ ފާސްކޮށް 1009 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އަދި 183 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، 8451 ބަނގުރާ ދަޅު ނުވަތަ ފުޅި ވަނީ އަތުލައިގެންފައެވެ. މި ތަކެތީގެ މަގުމަތީ އަގު 385 މިލިއަން ރުފިޔާއަށް އަރައެވެ.

މިފަދަ ވަރުގަދަ އޮޕަރޭޝަންތަކުގެ އިތުރުން މަސްތުބާތަކެއްޗާ ދެކޮޅަށް ޤާނޫނު ތަންފީޒުކުރާ ބާރުތަކުން މަސައްކަތްކުރާއިރު، ދިމާވާ ޤާނޫނީ އެކި ހުރަސްތައް ނައްތާލުމަށްވެސް ސަރުކާރުން ދަނީ މަސައްކަތްކުރައްވަމުންނެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 2 ވަނަ ދުވަހު މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް އިސްލާހުތަކެއް ވަނީ ހުށައަޅާފައެވެ.

މި އިސްލާހުގައި ޤާނޫނުގެ ދަށުން ކޮންޓްރޯލްކޮށްފައިވާ މަސްތުވާ އެއްޗެހީގެ އިތުރުން އަލަށް ކޮންޓްރޯލްކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލްކުރެވޭނެ ނިޒާމެއް ތަޢާރަފުކޮށް، މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައަޅައި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހުއްޓުވުމަށްޓަކައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް ދީފައިވެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ އަލަށް ހުށައަޅާފައިވާ އިސްލާހުތަކާއެކު މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ބާރެއް ލިބޭނެކަން ފާހަގަކުރައްވާފައެވެެ.

"ދިވެހިރާއްޖޭގައި، މަސްތުވާތަކެތިން ވިޔަފާރިކުރުމާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ވިޔަފާރިއާއި، މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުން ހުއްޓުވުމަށް، އަދި މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހިންގުން ހުއްޓުވުމަށާއި، ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އިތުރު ބާރުތައް ދިނުމަށް، އަދި މަސްތުވާތަކެއްޗަށް ދެވިހިފައިފައިވާ މީހުންނަށް ފަރުވާދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މިހާރު ޢަމަލުކުރަމުންދާ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް މުހިންމު އިޞްލާޙުތަކެއް ގެނައުމަށްޓަކައި، ސަރުކާރުން ވާނީ ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ އަހަރުގެ ތިންވަނަ ދައުރުގެ ތެރޭގައި ބިލެއް ހުށަހަޅައިފައި." ރައީސް ވިދާޅުވިއެވެ.

މި އިސްލާހުތަކުގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ހަރުކަށި އަދަބުތަކެއް ކަނޑައެޅުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ މިއަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ. އެގޮތުން މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ޤައުމުތަކުގައިވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށް ނިންމަވާފައިވާކަން ރައީސް ހާމަކުރެއްވިއެވެ.

މީގެ އިތުރުން މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއް އޮޕަރޭޝަނަކީ މިމަހުގެ 13 ވަނަ ދުވަހު ފެށި އޮޕަރޭޝަން އަލިމަގެވެ. މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް މިހާތަނަށް ހިންގޭ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު އޮޕަރޭޝަންކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި އޮޕަރޭޝަންގެ ފުރަތަމަ ދުވަހުވެސް، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާ ގުޅުންހުރި 104 ތަނެއް ބަލައި، ފާސްކޮށް، 100 މީހުން ހައްޔަރުކޮށްފައިވެއެވެ. ފުލުހުން ވަނީ މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސާފުވަންދެން މި އޮޕަރޭޝަން ނުހުއްޓާނެ ކަމަށާއި 24 ގަޑިއިރު މި އޮޕަރޭޝަން ކުރިއަށްގެންދާނެކަން ހާމަކުރައްވާފައެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ މި އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތީގެ ތެރޭގައި އުޅޭ މީހުންނަށް ދިރިއުޅެން އުނދަގޫވާ ވަރު ކުރާނެ ކަމަށާއި ދެން މިކަން ރާއްޖޭގައި ނުކުރެވޭނެކަމަށް ބުނެ ވަރުގަދަ އިންޒާރެއްވެސް ދެއްވާފައެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މިހާރު ކުރަމުންދާ މަސައްކަތްތަކަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެ، މި މައްސަލައަށް ވަށައިޖެހޭ ހައްލެއް ގެނައުމަށްކުރާ މަސައްކަތެކެވެ. އަދި މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، ނެޓްވަރކްތައް މުޅިން ނައްތާލުމަށާއި މުޖުތަމަޢުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ މީހުން ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.