މިއަހަރުގެ މިހާތަނަށް އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަަކަށް 117 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް އެސްއެމްއީ ޑިޖިޓަލުން ހާމަކޮށްފިއެވެ. މިހާތަނަށް އެންމެ ގިނަ އަދަދަކަށް ލޯން ދޫކޮށްފައިވަނީ ރަށު ފަތުރު ލޯނު ސްކީމުގެ ދަަށުންނެވެ.
އެސްއެމްއީ ޑިޖިޓަލްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިއަަހަރުގެ މިހާތަނަށް 573 ފަރާތަކަށް ވަނީ ލޯނު ދޫކޮށްފައެވެ. އެއީ މުޅި ޖުމްލަ 335,524,928 (ތިންސަތޭކަ ތިރީސް ފަސްމިލިޔަން ފަސްލައްކަ ސައުވީސް ހާސް ނުވަސަތޭކަ އަށާވީސް ރުފިޔާ) އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، އަަހަރުގެ މިހާތަނަށް އެ ކުންފުނިން ވަނީ 223 ފަރާތަކަށް މުޅި ޖުމްލަ 117,843,773 (ސަތޭކަ ސަތާރަ މިލިޔަން އަށްލައްކަ ސާޅީސް ތިންހާސް ހަތްސަތޭކަ ހައްދިހަ ތިން ރުފިޔާ) ދޫކޮށްފައެވެ. އަދި މިދިޔަ އަހަރު އެ ކުންފުނިން ވަނީ 350 ފަރާތަކަށް މުޅި ޖުމްލަ 217,681,155 (ދުއިސައްތަ ސަތާރަ މިލިޔަން ހަލައްކަ އަށްޑިހަ އެއްހާސް އެއްސަތޭކަ ފަންސާސްފަސް ރުފިޔާ) ދޫކޮށްފައެވެ.
އަހަރުގެ މިިހާތަނަށް އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެސްއެމްއީ ޑިޖިޓަލުން 117 މިލިޔަން ރުފިޔަ ދޫކޮށްފައިވާއިރު، މީގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ރަށު ފަތުރު ލޯނު ސްކީމުގެ ދަަށުންނެވެ.
* ރަށު ފަތުރު - 32 ލޯނު - 41.21 މިލިޔަން ރުފިޔާ
* މުރާބަހާ އާރްއެސްޑަބްލިއު ފައިނޭންސިން - 24 ލޯނު - 23.5 މިލިޔަން ރުފިޔާ
* ވިޔަފާރި އެހީ - 56 ލޯނު - 23.1 މިލިޔަން ރުފިޔާ
* ކަނޑުފަޅުގެ ނަފާ - 30 ލޯނު - 8.8 މިލިޔަން ރުފިޔާ
* ހަރު މުދާ - 10 ލޯނު - 7.7 މިލިޔަން ރުފިޔާ
* ފަށާ މަދަދު - 43 ލޯނު - 6.3 މިލިޔަން ރުފިޔާ
* ވިޔަފާރި ތަރައްޤީ - 7 ލޯނު - 3.6 މިލިޔަން ރުފިޔާ
* ފަށާ ވިޔަފާރި - 9 ލޯނު - 1.7 މިލިޔަން ރުފިޔާ
* ދަނޑުވެރި ނަފާ - 6 ލޯނު - 1.1 މިލިޔަން ރުފިޔާ
* ދަނޑުވެރި މަންފާ - 6 ލޯނު - 495,256 ރުފިޔާ
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީ ނުވަތަ މިހާރުގެ ނަމުންނަމަ އެސްއެމްއީ ޑިޖިޓަލަކީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އަލަށް ފެށުމަށާއި، ހިނގަމުންދާ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އަދި ވިޔަފާރިތައް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށް ބޭނުންވާ މާލީ އެހިތެރިކަން ފޯރުކޮށްދޭ ކުންފުންޏެކެެވެ.
މިކުންފުނިން ލުއި އިންޓްރެސްޓު ރޭޓެއްގައި ދޫކުރާ ލޯނުތަކަށް ރަށުގައި ތިބެގެން އޮންލައިންކޮށްވެސް ހުށަހެޅުމުގެ ފުރުސަތު އޮވެއެވެ.
އެސްއެމްއީ ޑިޖިޓަލުން މިހާރު ދަނީ ތަފާތު 8 ދާއިރާއަކުން ލޯނު ދޫކުރަމުންނެވެ. އެއީ ފަތުރުވެރިކަން، ކޮމާސް، މަސްވެރިކަން، ދަތުރުފަތުރު، އުފެއްދުންތެރިކަމެވެ. މީގެއިތުރުން އިމާރާތްކުރުން، އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ދަނޑުވެރިކަމުގެ ދާއިރާއިންވެސް އެސްއެމްއީ ބޭންކުން ދަނީ ވިޔަފާރިތަކަށް ލޯނު ދޫކުރަމުންނެވެ.