ޚަބަރު

"ފުނި ޖައްސާފައި" ހުރި 1040 ބިލަށްވާ 444 މިލިޔަން ރުފިޔާ ދައްކާ ޚަލާސްކޮށްފިން: ރައީސް


  • މި މަހުގެ 6ވަނަ ދުވަހުން ފެށިގެން ދަނީ ބިލަށްވާ ފައިސާ ފޮނުވަމުން

  • ޢުމްރާނީ ތަރައްޤީގެ 1875 މަޝްރޫޢު އެބަ ކުރިއަށްދާކަމަށް ވިދާޅުވި

އަމިއްލަ ކުންފުނިތައް މެދުވެރިކޮށް މަޝްރޫޢުތައް ހިންގުމަށްފަހު މިދިޔަ ސަރުކާރުން ނުދައްކާ ހުރި 1040 ބިލަކަށްވާ 444 މިލިޔަން ރުފިޔާ މި ސަރުކާރުން ދައްކާ ޚަލާސްކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީ ރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ރޭ ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ނުހުއްޓި ކުރިއަށްގެންގޮސް، އިޤުތިބާދު ހަމަމަގަށް އެޅުވުމަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކުގެ އަދާހަމަ ޙިއްސާކުރައްވާފައެވެ.

ޖަލްސާގަައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިދިޔަ ސަރުކާރުގައި އަމިއްލަ ކުންފުނިތަކުން ހިންގި މަޝްރޫޢުތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީ، ފުނި ޖައްސާފައި ހުރި ކަމަށެވެ. އެހެންކަމުން މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން މިގޮތަށް ފައިސާ ނުދައްކާހުރި ކުންފުނިތަކަށް ފައިސާ ޖަމާކުރަން ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އިއްޔެއާ ހަމައަށް ފައިސާ ނުދީ އޮތް 1040 ކުންފުންޏަކަށް 444.3 މިލިޔަން ރުފިޔާ މިހާރު ޖަމާކޮށްދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި މަސައްކަތް ހުއްޓާލާނީ ހުރިހާ ބިލުތަކަށް ފައިސާ ދެއްކުމަށްފަހު. އެއްވެސް ފައިސާއެއް ޗާޕުނުކޮށް، އިޤުތިޞާދު ކޮޅަށް ޖެހުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުންމިދަނީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް ހުރިހާ ރަށަކަށްވެސް ހަމަހަމަކަމާއެކު ތަރައްޤީ ގެނެސްދެއްވާނެކަމަށެވެ. އެގޮތުން މިވަގުތު މުޅި ރާއްޖޭގައި ޢުމްރާނީ ތަރައްޤީގެ 1875 މަޝްރޫޢު އެބަ ކުރިއަށްދާ ކަމަށާއި އޭގެ ތެރެއިން 1356 މަޝްރޫޢަކީ މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ފެށި މަޝްރޫޢުތައްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އަމާޒަކީ ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރ ކުރިއަރުވައި، އިޤުތިޞާދީ ވިލުންތެރިކަން އިތުރުކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އަމިއްލަ ކުންފުނިތައް ބާރުވެރިކުރުވުމުގެ ގޮތުން ސަރުކާރުން ވަނީ ތަރައްޤީގެ 9 ދާއިރާއަކުން 206 މަޝްރޫޢެެއް ކުންފުނިތަކާ ހަވާލުކޮށްފައެވެ. މި މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ ބަރާބަރަށް ބިލަށް ފައިސާދޭނެކަމުގެ ޔަޤީންކަމާއެކުއެވެ.