ސްޕޭނުގެ އެންމެ ވަރުގަދަ ކުލަބު ކަމަށްވާ ރެއާލް މެޑްރިޑް އަމިއްލަ ކުންފުންޏަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައފިއެވެ.
ގިނަ މީޑިއާތަކުން ބުނާ ގޮތުގައި މިއީ ރެއާލް މެޑްރިޑްގެ ސްޓޭޑިއަމް އަލުން ބިނާ ކުރުމަށް ކުރި ހޭދައިގެ ސަބަބުން އިތުރުވެފައިވާ ދަރަނިން ސަލާމަތްވުމަށް ގެންނަ ބަދަލެކެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރެއާލްގެ ސްޓޭޑައަމް ހެދުމަށް ނެގި ދަރަނި އެއް ބިލިއަން ޔޫރޯ އަށް އަރަ އެވެ. ނަމަވެސް މިއީ ދަރަނީގެ ގޮތުގައި އެކުލަބުގެ ހިސާބުތަކުން އަދި ފެންނާކަށް ނެތެވެ.
ރެއާލް މެޑްރިޑްގެ ހިންގުމަށް ބޮޑު ބަދަލެއް ގެނައުމަށް ރައީސް ފްލޮރެންޓީނޯ ޕެރޭޒް މިހާރު ވަނީ ކުއްލި ކޮންގްރެސްއަކަށް ގޮވާލަން ތައްޔާރުވެފަ އެވެ. ކުލަބުގެ ހިންގުމަށް ގެންނާނެ ބަދަލު ފާސްކުރަން ޖެހޭނީ މި ކޮންގްރެސްއިންނެވެ. އޭގެ ފަހުން ކުލަބުގެ މެމްބަރުންގެ މެދުގައި ވޯޓު ނަގާނެ އެވެ.
ޕެރޭޒް ބޭނުންވަނީ ރެއާލް މެޑްރިޑް ހިއްސާ މެމްބަރުންނަށް ވިއްކާލުމަށެވެ. މި ގޮތުން ކޮންމެ މެމްބަރަކަށް އެއް ހިއްސާ ވިއްކާލުމަށެވެ. ރެއާލް މެޑްރިޑްގެ ރަޖިސްޓަރީގައި ވޯޓު ލެވޭ 96000 މެމްބަރުން އެބަތިއްބެވެ. އެއްވެސް ނިންމުމެއް ފައިނަލްވާނީ މީގެ ތެރެއިން ދެބައިކުޅަ އެއްބައި މެމްބަރުން ވޯޓުދީގެންނެވެ.
ރެއާލް މެޑްރިޑްގެ ޖުމުލަ އަގު 10 ބިލިއަން ޔޫރޯ އަށް އަރަ އެވެ. ޕެރޭޒްގެ ވިސްނުމަކީ މެމްބަރުންނަށް ހިއްސާ ވިއްކައި ކުލަބުގެ 10 ޕަސެންޓް ހިއްސާ ކޮންމެވެސް ބަޔަކަށް ވިއްކާލުމަށެވެ. އޭރުން ދަރަނީގެ ގޮތުގައި ފާހަގަކުރާ އެއް ބިލިއަން ޔޫރޯ ވަގުތުން ސަލާމަތް ކުރެވިދާނެ އެވެ.