ޚަބަރު

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.9 މިލިޔަނުން މައްޗަށް!


  • މިއީ، މިދިޔަ އަހަރަށްވުރެ %9.9 އިތުރު އަދަދެއް

  • އެންމެ ގިނައިން ފަތުރުވެރިން އަންނަނީ، ޗައިނާއިން

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.9 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

މިއީ، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %9.9 އިތުރު އަދަދެކެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،923،496 ފަތުރުވެރިން ވަނީ، ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ، 1،750،249 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %9.9 އިތުރުވުމެކެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 5 ޤައުމު:

* ޗައިނާ: 303،035 ފަތުރުވެރިން
* ރަޝިއާ: 242،542 ފަތުރުވެރިން
* އިނގިރޭސިވިލާތް: 171،213 ފަތުރުވެރިން
* ޖަރުމަނުވިލާތް: 144،278 ފަތުރުވެރިން
* އިޓަލީވިލާތް: 125،582 ފަތުރުވެރިން

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6437 ފަތުރުވެރިން އާދެއެވެ. ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ، ރިސޯޓްތަކުގައެވެ. އެއީ %73.7 އެވެ. ގެސްޓް ހައުސްތަކުގައި %21.5 ފަތުރުވެރިން އަދި ހޮޓެލްތަކުގައި %2.6 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.

މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް މުޅި ޖުމްލަ 1295 ތަނެއް ވަނީ ހުޅުވާފައެވެ. އަދި މި ތަންތަނުގެ ބެޑް ކެޕޭސިޓީ 66،235 އަށް އަރައެވެ.

މީގެ ތެރޭގައި ހިމެނެނީ، ރިސޯޓުތަކުން އިތުރުކުރި 44,247 އެނދާއި، ގެސްޓު ހައުސްތަކުގެ 16,068 އެނދާއި، ސަފާރީތަކުން އޮޕަރޭޝަނަށް ގެނައި 3,322 އެނދުގެ އިތުރުން ހޮޓާތަކުގެ 2,598 އެނދެވެ.