ޚަބަރު

ވޭތުވެދިޔަ 2 އަހަރު ސްޕޯޓްސް ފިޝިންގއަށް ޚާއްސަ 39 ވަދު ކަނދުފަތި އަޅައިފި


  • ރާއްޖޭގައި 2 ބާވަތެއްގެ ކަނދުފަތި ވަނީ އަޅާފައި

  • ދެއަހަރު ދުވަހުގެ މުއްދަތުގައި 37 ދޮށީގެ ކަނދުފަތި އަޅާފައިވޭ

ވޭތުވެދިޔަ 2 އަހަރު ސްޕޯޓްސް ފިޝިންއަށް ޚާއްސަކޮށްގެން 39 ވަދު ކަނދުފަތި އަޅާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި 2 ބާވަތެއްގެ ކަނދުފަތި އަޅައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާ ދޮށީގެ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންގއަށް ޚާއްސަކޮށްގެން އަޅާ ވަދު ކަނދުފައްޗެވެ. މި ކަނދުފަތިތަކުގެ ތެރެއިން އެންމެ ތަރުހީބު ބޮޑީ ވަދު ކަނދުފައްޗަށްކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ރަށްރަށުގެ ޒުވާނުންނާއި، އަދި ސީދާ ކައުންސިލްތަކުންވެސް އެރަށްރަށުގައި ވަދު ކަނދުފަތިތައް އަޅައިދިނުމަށް އެދެމުންދާކަމަށެވެ. އަދި، ވަކި އުސޫލެއްގެ ދަށުން، އެންމެ ފައިދާވާނެގޮތަށް ބަލައިގެން ރަށްރަށުގައި އަލަށް ވަދު ކަނދުފަތިއެޅުމުގެ މަސައްކަތް ކުރިޔަށްދާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން ވޭތުވެދިޔަ 2 އަހަރު 39 ވަދު ކަނދުފަތި އަޅާފައިވާކަމަށް އެ ވުޒާރާއިން މައުލޫމާތުދެއްވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަލަށް ވަދު ކަނދުފަތި އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، މިއާއެއްވަރަށް ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް ދޮށީގެ ކަނދުފަތިވެސް ދަނީ އަޅަމުންނެވެ. އެގޮތުން ދެއަހަރު ދުވަހުގެ މުއްދަތުގައި 37 ދޮށީގެ ކަނދުފަތި އަޅާފައިވާ ކަމަަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

ކަނދުފަތީގެ ވިއުގަ ފުޅާކުރުމުގެ މަސައްކަތަކީ، މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ. މި މަސައްކަތް އަވަސްކުރުމަށާއި، ހަލާކުވާ ނުވަތަ ކަނޑައިގެންދާ ކަނދުފަތިތައް ވީ އެންމެ އަވަހަކަށް މަރާމާތުކޮށް، އަލުން އެޅުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ދަނީ ރާއްޖޭގެ ދެކުނާއި އުތުރުގައި ކަނދުފަތި އުފައްދާ މަރުކަޒުތަކެއް ގާއިމުކުރުމަށް ތައްޔާރުވަމުންނެވެ.

ރާއްޖޭގެ 2 ސަރަހައްދެއްގައި ކަނދުފަތި ސެންޓަރު އެޅުމުގެ މަސައްކަތްވެސް އެ ވުޒާރާއިން މިހާރު ދަނީ ކުރައްވަމުންނެވެ. އެގޮތުން ށ. ފުނަދޫގައި އެޅުމަށް ހަމަޖެހިފައިވާ ކަނދުފަތި ސެންޓަރުގެ އަމަލީ މަސައްކަތް މިއަންނަ ޑިސެންބަރު މަހުގެ ކުރިން ފެށޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.