ޚަބަރު

އިމިގްރޭޝަން އޮފިސަރުން މާލެ ސަރަހައްދު ޕެޓްރޯލް ކުރަން ފަށައިފި


  • މިޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ ވަޒީރު އިޙްސާން

  • ޕްރޮގްރާމުގެ ތެރެއިން ބިދޭސީން މަސައްކަތް ކުރަނީ ޤަވާއިދާ އެއްގޮތަށްތޯ ބަލާނެ

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ޤާނޫނާއި ޤަވާއިދަށް ޢަމަލުކުރަމުންދޭތޯ ކަށަވަރު ކުރުމުގެ ގޮތުން "އޮޕަރޭޝަން ހަމަމަގު"ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް މޯލްޑިވްސް އިމިގްރޭޝަނުން ފަށައިފިއެވެ.

މިޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާނާއި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީޙްއެވެ.

އިމިގްރޭޝަނުން ކުރިއަށް ގެންދާ "މައިގްރެންޓް މޮނިޓަރިން އެންޑް ކޮމްޕްލައެންސް" ޕްރޮގްރާމަކީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ހަރަކާތްތައް ބަލައި އެހީތެރިކަން ފޯރުކޮށްދީ އަދި މަސައްކަތް ކުރަމުންދަނީ ޤަވާއިދާ އެއްގޮތަށްތޯ ޔަޤީން ކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މާލޭ ސަރަހައްދުގައި މިޕްރޮގްރާމު ކުރިއަށްގެންދާއިރު އިމިގްރޭޝަން އޮފިސަރުން ހަރަކާތްތެރިވާނީ ބިދޭސީން އުޅޭ ސަރަހައްދުތައް ޕެޓްރޯލް ކުރާ އުސޫލުން ސައިކަލުތަކުގައި ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. މީގެ ކުރިން އިމިގްރޭޝަން އޮފިސަރުން ހަރަކާތްތެރިވަމުން ދިޔައީ ވަކި ސަރަހައްދުތަކުގައި ނަމަވެސް މި ޕްރޮގްރާމުގެ ތެރެއިން މުޅި މާލެ ސަރަހައްދު ޕެޓްރޯލް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ޚާއްސަ ޕްރޮގްރާމެއް ފެށި ނަމަވެސް، ރައްޔިތުންގެ ފަރާތުން އިމިގްރޭޝަން ވޮޗަށް ލިބޭ މަޢުލޫތާއި އަދި އެނޫންވެސް، އޮފިސަރުންނަށް އެކި ގޮތްގޮތުން ލިބޭ މައުލޫމާތުތަކަށް ފުލުހުންނާއި ގުޅިގެން ކުރިންވެސް ހިންގަމުން އައި އުސޫލުން ރެއިޑް އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިޕްރޮގްރާމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުންވަނީ ޚާއްސަ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށާފައިވާއިރު 191،000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް މަޢުލޫމާތު ވަނީ އެއްކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން މިމައުލޫމާތު ހިއްސާ ނުކުރާ ފަރާތްތަކަށް އިތުރު ފުރުސަތެއް ނުދީ ޑިޕޯޓްކޮއްލާނެކަމަށް ވިދާޅުވެފައެވެ.