ޚަބަރު

"ފުވައްމުލަކަށް ދޫކުރާ ފެނަކީ މިންގަނޑުތަކަށް ފެތޭ ފެނެއް"


  • އެމްއެފްޑީއޭއިންވެސް ވަނީ އެއީ ފެނަކަ ފުވައްމުލަކު ބްރާންޗުން ދޫކުރަމުންދާ ފެން ބުއިމަށް ރައްކާތެރިކަމަށް ވިދާޅުވެފައި

ފެން ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކުރުމަށްފަހު، ފެނަކަ ފުވައްމުލަކު ބްރާންޗުން ދޫކުރަމުންދާ ފެނަކީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ސަޕްލައި ވޯޓަރ މިންގަނޑުތަކަށް ފެތޭ ފެނެއްކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮޓޯރިޓީންވެސް ވިދާޅުވެއްޖެއެވެ.

އެ އޮތޯރިޓީން މިހެން ވިދާޅުވީ ފުވައްމުލައް ސިޓީ ކައުންސިލުން ފެނަކައިން ދޫކުރާ ބޯ ފެނުގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދާފައި ވަނިކޮށެވެ.

މިކަމާ ގުޅިގެން އެމްއެފްޑީއޭއިންވެސް މީގެ ކުރިން ވިދާޅުވެފައިވަނީ ފެނަކަ ފުވައްމުލައް ބްރާންޗްއިން ދޫކުރަމުންދާ މުނިސިޕަލް ފެނުގެ މައްސަލައާ ގުޅިގެން އެ ސިޓީގެ އެކި ސަރަހައްދުތަކުން ފެން ނަގާ ތަޙުލީލުކޮށްފައިވާ ކަމަށެވެ. އަދި މި ތަޙުލީލުތަކުގެ ނަތީޖާ ދައްކާ ގޮތުން މި ފެނަކީ ޞިއްޙަތާ ބެހޭ ޖަމިއްޔާގެ ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެނެއްކަމަށް އެމްއެފްޑީއޭއިން ވިދާޅުވިއެވެ. އަދި މިހާރު އެރަށުގައި ދޫކުރަމުންދާ ފެނަކީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ސަޕްލައި ވޯޓަރ މިންގަނޑުތަކަށް ފެތޭ ފެނެއްކަމަށްވެސް ވިދާޅުވެފައެވެ.

ފުވައްމުލަކުގެ ފެނުގެ ވިއުގައަށް މައްސަލައެއް ދިމާވެ ސަޕްލައި ފެނުގެ ޚިދުމަތް މެދުކެނޑުނީ މިދިޔަ ހަފްތާގައެވެ. ދިމާވި މައްސަލަ ހައްލުކޮށް ފެން ދޫކުރަން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ފެނަކައިން ވިދާޅުވީ ފެން ދޫކުރަން ފަށާފައިވަނީ އެމްއެފްޑީއޭއިން ތަހުލީލުކޮށް، އެ އޮތޯރިޓީގެ ހުއްދަ ލިބުމަށްފަހުގައި ކަމަށެވެ.