ސަޢޫދީ ޢަރަބިއާގެ ރިޔާޟުގައި ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ފިރިހެން 100 މީޓަރު ދުވުމުގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ވާދަކޮށްފިއެވެ.
ސާއިދު ފުރަތަމަ ބުރުގައި ވާދަކުރީ ހީޓް އެކެއްގައެވެ. އެ ހީޓްގައި ވާދަކޮށް، އޭނާ ރޭސް ނިންމީ 11.18 ސިކުންތުންނެވެ. ސާއިދު ހީޓްގެ ހަވަނައިގައި ނިންމާލިއިރު، އެ ހީޓްގެ އެއްވަނަ ހޯދީ ކެމަރޫންގެ އެސެމޭ އަމަނުއެލް އަލޮބްވޭޑޭއެވެ. އޭނާގެ ޓައިމިންއަކީ 10.37 ސިކުންތެވެ.
މިއަދުގެ އިވެންޓު ނިންމުމަށްފަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) މީޑިއާއަށް ދިން އިންޓަވިއުއެއްގައި ސާއިދު ބުނީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްއަށް މި ފަހަރު ރާއްޖެއިން ނެގި ދެ އެތުލީޓުންގެ ތެރޭގައި ހިމެނުމަކީ އޭނާއަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.
އަދި މިއަހަރު ފެށުނީއްސުރެ މި އައީ ބޮޑެތި މުބާރާތްތަކުގައި ވާދަކުރަމުން ކަމަށާއި، އަނިޔާއެއް ނުވެ މިސީޒަން ނިންމާލެވުމަކީވެސް ކާމިޔާބީއެއް ކަމަށް ސާއިދު ބުންޏެއެވެ. އަދި މި ގޭމްސްގައި މި ވާދަކުރަނީ، ވަރަށް ފެންވަރު މަތި އެތުލީޓުންތަކެއް ކަމަށާއި، މި އެތުލީޓުންނާއި ވާދަކޮށްލުމަކީވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ސާއިދު ފާހަގަ ކުރިއެވެ.
ސާއިދަކީ ރާއްޖޭގެ ތާރީހުގައި އެންމެ ކާމިޔާބު ދުވުންތެރިޔާއެވެ. އޭނާއަކީ އަދިވެސް 100 މީޓަރު ދުވުމުގެ ރެކޯޑު އޮންނަ ދުވުންތެރިޔާއެވެ. ސާއިދު ހަދާފައިވާ ރެކޯޑުގެ ޓައިމިންއަކީ 10.33 ސިކުންތެވެ.
ސާއިދު ވަނީ މީގެ ކުރިން ތުރުކީގެ ކޮންޏާގައި އޮތް އިސްލާމިކް ސޮލިޑާރިޓީ ގޭމްސްއާއި އޭގެ ކުރިން އަަޒަރުބައިޖާންގެ ބަކޫގައި އޮތް ގޭމްސްގައިވެސް ވާދަކޮށްފައެވެ. ބަކޫގައި އޮތް ގޭމްސްގެ ފައިނަލުގައި ސާއިދު ވާދަކުރިއެވެ.