ޚަބަރު

މި ސަރުކާރުން ކަންކަން ކުރާނީ މާތްވެގެންވާ އިސްލާމްދީނާ އެއްގޮތްވާ ގޮތުގެ މަތިން: ރައީސް


  • އިސްލާމީ އުސޫލުތަކާ އެއްގޮތަށް މަސައްކަތްކުރުމަކީ ޒިންމާއެއްކަން ފާހަގަކުރެއްވި

  • ޤުރުއާނަށް އިސްކާންދޭނެ ބިނާތަކެއް ޤާއިމްކުރުމަކީ ފަޚުރެއްކަމަށް ދެކޭ މަސައްކަތެއްކަމަށް ވިދާޅުވި

މި ސަރުކާރުން މަސައްކަތް ކުރަނީ ކޮންމެ ދާއިރައަކުން ކުރެވޭ ކަންކަމަކީވެސް އިސްލާމީ އުޞޫލްތަކާ އެއްގޮތަށް ކުރެވޭ ކަންކަމަށް ހެދުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް 2 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށާއި ވަޢުދުތައް ފުއްދުމާއި ޒުވާނުން ބިނާކުރުން އަދި އިޤްތިޞާދު ބިނާކުރުމަށްވެސް މަސައްކަތް ކުރާނީ މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލްތަކާއި ހަމަތަކާ އެއްގޮތައްކަމަށެވެ. ރައީސް ވިދާޅުވީ އެމަގުން މަސައްކަތްކުރުމަކީ ޒިންމާއެއްކަމަށެވެ.

އިސްލާމީ ދާއިރާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވަޤުފު މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށްޓަކައި އެކި ސިޓީތަކުގައި ވަޤުފު އިމާރާތްތައް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވާކަމަށެވެ. އަދި މި މަޝްރޫޢުތައް ކުރިއަށްގެންދަނީ އިސްލާމްދީނުގެ ދާއިރާއިން ހޭދަކުރުމުގެ ގޮތުންކަމަށެވެ. ކޮންމެ ކަންކޮޅެއްގައި ބިނާކުރާ އިމާރާތްތަކުން ޚަރަދުކުރާނީ ދީނީ ކަންކަމަށާއި އަދި އިޖުތިމާއީ ކަންކަމަށް އޮންނަ އުޞޫލުގެ ތެރެއިން ބޭނުން ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ އިސްލާމީ މަރުކަޒުތަކާއި މިސްކިތްތައް ބިނާކުރުމަށާއި ކީރިތި ޤުރުއާނުގެ ޢިލްމު ފުޅާކުރައްވަން މަސައްކަތް ކުރައްވާކަން ފާހަގަކުރައްވާފައެވެ.

"ކީިރިތި ޤުރުއާނަކީ މުސްލިމުން މުހިއްމު އިސްކަމެއްދޭން ޖެހޭ އެއްޗެއް. އަޅުގަނޑު ފަޚުރެއް ގޮތުގައި އަދި އުފަލެއްގެ ގޮތުގައި ދެކެނީ ދިވެހިން ދިިރިއުޅޭ ކޮންމެ ފަސްގަނޑެއްގައިވެސް ޤުރުއާނަށް އިސްކާންދޭނެ ބިނާތަކެއް ޤާއިމްކުރުންް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މާލޭގައި ހުރި މިސްކިތްތަކުގެ ތެރެއިން 800 މީހުންގެ ޖާގައަށްވުރެ ބޮޑު މިސްކިތްތައް އޭސީ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަމަޟާން މަސް އަންނަން ވާއިރަށް މަދުވެގެން 5 މިސްކިތެއް އޭސީކޮށް ނިންމާލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ޤުރުއާން މުބާރާތަކީ ސަރުކާރުން ރަސްމީކޮށް ހިންގާ އެންމެ އަގުބޮޑު އިނާމުގެ ގޮތުގައި ހިންގޭ މުބާރާތްކަން ފާހަގަކުރައްވާފައެވެ.

އެގޮތުން މުބާރާތުގެ ކޮންމެ ގޮތްޕަކުން 1 ވަނަ ދަރިވަރަށް ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުޞަތުދިފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އޭގެ ބޭނުމަކީ ތަޢުލީމީ ގޮތުން ކުރިއަރައިގެން ދިޔުމުގައި ޤުރުއާނުން ވަނަތައް ހޯދައިގެން ކުރިއަށް ދިޔުމުގެ ހިތްވަރު ދިނުންކަމަށެވެ.