ކުރިއާ އަޅާބަލާއިރު، ގޭންގުތަކުން އިންތިޒާމްވެގެން ހިންގާ ކުށްތައް %23 މަދު ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ދާޚިލީ ވަޒީރު މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، މި ދައުރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙައްލުކުރަން އިސްކަންދެއްވާ އިޖުތިމާޢީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ގޭންގުތައް ހުއްޓުވުން ހިމެނޭ ކަމަށެވެ. އެހެންކަމުން މި މަސައްކަތަށް އޮތް ހުރަސްތަކަކީ ކޮބައިތޯ ބެލިއިރު، ކުރިން ގޭންގު ކުށްތައް ހުއްޓުވުމާ ގުޅޭ ޤާނޫނު އޮތްގޮތުން މައްސަލައަށް ވަށައިޖެހޭ ޙައްލެއް ގެނައުމަށް ދަތިތަކަކާއި ކުރިމަތިލާން ޖެހޭކަން ފާހަގަވިކަމަށް ދާޚިލީ ވަޒީރު ވިދާޅުވިއެވެ. އެހެންކަަމުން ފުރަތަމަވެސް ގޭންގު ކުށްތަކާ ބެހޭ ޤާނޫނު އިސްލާޙުކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޤާނޫނު އިސްލާޙު ކުރުމަށްފަހު ފުލުހުންގެ ތެރޭގައި ގޭންގު ކުށްތައް ހުއްޓުވުމަށް ޚާއްސަ ތަޙުޤީޤީ ޔުނިޓެއް އުފައްދަވައި، ސަރުކާރަށް މިވީ ދެ އަހަރު ދުވަހުގެ ތެރޭގައި ކުރި މި މަސައްކަތްތަކާއެކު ގޭންގު ކުށްތައް ކުރިއަށްވުރެ 23 އިންސައްތަ މަދުވެއްޖެ ކަމަށް ދާޚިލީ ވަޒީރު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުން ޤަބޫލުކުރާ މިންވަރަށް ގޭންގުގެ މައްސަލަ ޙައްލުކުރާނަން." ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޒަޢާމަތާ ހަވާލުވެ ވަޑައިގަތުމަށްފަހު ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާޢީ ބޮޑެތި 3 މައްސަލައެއް ޙައްލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެއީ، މަސްތުވާތަކެތީގެ ވަބާއާއި، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގެ އިތުރުން ގޭންގު ކުށްތައް ހުއްޓުވުމެވެ. މިގޮތުން ގޭންގު ކުށްތައް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކަށް ފަހިވާ ގޮތަށް ގެނައި އިސްލާޙުތަކާއެކު ގޭންގު ކުށްތަކާއި، އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވީ، މިއަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށީ، އޮގަސްޓް މަހުގެ 25 ވަނަ ދުވަހުއެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށި ފަހުން 3 މީހުން ހައްޔަރުކޮށްފައިވެއެވެ. މި ޤާނޫނާއެކު ރާއްޖޭގައި އިންތިޒާމުވެގެން ކުށްކުރާ ގުރޫޕުތައް ދެނެގަނެ، އެއީ ގޭންގެއް ކަމަށް ކޯޓަށް ކަނޑައެޅިދާނެއެވެ. އަދި އެ ގުރޫޕަކީ، ގޭންގެއް ކަމަށް ކަނޑައެޅުމާއެކު އެ ގޭންގުގެ ހުރިހާ މެންބަރުންގެ މައްޗަށް ޤާނޫނުގައިވާ ބޮޑެތި ޢަދަބުތައް ތަންފީޒުކުރެވެން ފަށާނެއެވެ. މި ސަރުކާރުން ގޭންގުތަކާ ދެކޮޅަށް ކުރަން ފެށި މި މަސައްކަތަކީ، މީގެކުރިން ފެނިފައިނުވާ ފަދަ ތަފާތު ހިތްވަރުގަދަ މަސައްކަތެކެކެވެ.