ޚަބަރު

ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދެވޭނެ ގޮތްތަކެއް ރާވަންޖެހޭ: ކޯޗު ޝިޔާޒް


  • ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދެވޭނީ ގިނަ ފްރެންޑްލީ މެޗުތައް ކުޅެގެން

  • ތަޖުރިބާކާރު ކުޅުންތެރިންނާ އެކު މެޗުތައް ކުޅެ އޮފިޝަލް މެޗުތަކަށް އަރުވާވަރު ކުދިން އެބަތިބި

ގައުމީ ޓީމަށް އެކުވެރިކަމުގެ ގިނަ މެޗުތައް ބޭނުންވާކަމަށާއި، ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދެވޭނެ ގޮތެއް ރާވަން ޖެހޭކަމަށް ގައުމީ ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި ފިލިޕީންސް ބައްދަލުކުރި ދެވަނަ މެޗަށްފަހު ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ޓީމުގެ ކޯޗު ބުނީ މުހިންމު ކަމަކީ ފްރެންޑްލީ މެޗުތައް ގިނައިން ކުޅެގެން ޒުވާން ކުޅުންތެރިން މީގެތެރެއަށް ވެއްދުން ކަމަށެވެ. އަދި ނަތީޖާ ނެރުމަށް ވަގުތު ނަގާނެ ކަމަށެވެ.

ޒުވާން ކުޅުންތެރިން ގިނަ ފްރެންޑްލީ މެޗުތައް ނުކުޅެ ރަސްމީ މެޗަކަށް ނެރެން ވުމުން އުނދަގޫވާ ކަމަށާއި، އެ ކުޅުންތެރިންނަށްވެސް އެކަން ވަނީ ވަރަށް ފްރެޝަރު ބޮޑު ކަމަކަށް ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ.

"އެ ކުދިންނަށް ޕްރެޝަރ ހޭންޑް ކުރެވޭނެތޯ ނުކުރެވޭނެތޯ މި ސުވާލު ކޮންމެސް ވަރަކަށް އުފެދޭ. އެހެންނަމަވެސް ފްރެންޑްލީ ކުޅޭއިރު އަދި މިސްޓޭކް ހެދުނަސް އޯކޭ. އެ ރިޒަލްޓެއް ނޫން މުހިންމީ. އެކަހަލަ މެޗުތައް އަޅުގަނޑުމެން ގިނައިން ކުޅޭ ކަމަށްވާނަމަ ގިނަ ކުޅުންތެރިން ނެރެވޭނެ" ޝިޔާޒް ބުންޏެވެ.

މިވީ ދުވަސްކޮޅު އައު ކުދިން ބޭނުން ކުރެވެމުންދާ ކަމަށާއި، އެ ކުދިންގެ ރަނގަޅުކަންވެސް ފާހަގަކުރެވޭ ކަމަށް ޝިޔާޒް ބުންޏެވެ. ސްކޮޑް އެއްފަހަރާ އަލެއްވެސް ނުކުރެވޭ ކަމަށާއި، މިކަން ކުރިޔަށް ގެންދަން ޖެހޭނީ މަޑުމަޑުން ކަމަށް ކޯޗު ބުންޏެވެ. އީތަން އާއި ޠާއިފްގެ މަސައްކަތްވެސް ވަރަށް ހިތްހަމަޖެހޭ ކަމަށް ކޯޗު ފާހަގަކުރިއެވެ. ޓީމުތެރެއަށް ވަނުމާއި ކުޅުމުގެ ތެރެއަށްވަނުންވެސް ވަރަށް ރަނގަޅު ކަމަށް ކޯޗު ފާހަގަ ކުރިއެވެ.

މި ކުދިންގެ މުސްތަގްބަލް އެބައޮތް ކަމަށާއި، ޠާއިފަކީވެސް ވަރަށް ގިނަ ތަންތަނަށް ބޭނުން ކުރެވޭނެ ކުޅުންތެރިއެއް ކަމަށް ޝިޔާޒް ބުންޏެވެ. ޠާއިފުގެ ފުރަތަމަ މެޗުގައި ޕިލިފީންސްއާއި ދެކޮޅަށް ނިކުތުމުގެ ފުރުސަތު ކޯޗު ދިން އިރު އޭނާވަނީ ކެޕްޓަން ސަމޫހުގެ ބަދަލުގައި ދެވަނަ ހާފަށް ކުޅެން އަރުވާފައެވެ.

އިލާން އާއި އަހުޒަމު ފަދަ ކުޅުންތެރިން އެބަ ފެންނަ ކަމަށާއި، ގައުމީ ޓީމަށް މިކަލަހަ ކުޅުންތެރިން ގިނަ ކުރެވޭނީ ގިނަ ފްރެންޑްލީތައް ކުޅެ ތަޖްރިބާކާރު ކުޅުންތެރިންނާއެކު ކުޅެމުންގޮސް ތަޖްރިބާ ލިބިގެންކަމަށް ކޯޗު ފާހަގަކުރިއެވެ.