ޚަބަރު

ފްލެޓާއި ގޯތި ދިނުމުގައި މާލޭގައި ދިރިއުޅެފައިވާ މުއްދަތު ބަލާ ތަފްސީލީ އުސޫލެއް!


  • އާއްމުންނަށް އޮޅުންއަރާ އެއްކަމަކީ މުއްދަތު ގުނާނެގޮތް

  • މިފަހަރުގެ ސްކީމްގައި ވަނީ ހާލަތްތައް ބަޔާންކޮށްފައި

ނިމުނު ސަރުކާރުގައި ފްލެޓާއި ގޯތި ދޫކުރިއިރު، މާލޭގައި ދިރުއުޅުނު މުއްދަތު ގުނާނެގޮތަކީ އާއްމުންނަށް އެންމެ ބޮޑު އޮޅުމެއް އެރި އެއްކަމެކަމެވެ. އެކަމުގައި ގުނާނެ ޙާލަތްތަކާއި އިސްތިސްނާ ވާނެ ޙާލަތްތައް ރަނގަޅަށް އިނގޭކަށް ނެތުމެވެ.

ރައްޔިތުންގެ މި ކަންބޮޑުވުމަށް އިޖާބަދީ، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި މާލޭގައި ދިރުއުޅުނު މުއްދަތު ގުނާނެގޮތް ތަފްސީލީގޮތެއްގައި ބަޔާންކޮށްފައިވެއެވެ.

މާލެ ސަރަޙައްދުން ގޯއްޗާއި ފްލެޓް ދިނުމުގެ އުސޫލު ސަރުކާރުން އާއްމުކުރިއިރު، މީގެ ކުރީގެ ސްކީމްތަކުގައި އާއްމުންނަށް އޮޅުންއެރި ވަރަށް ގިނަ ކަންކަން ވަނީ ސާފުވާނެގޮތަށް ލިޔެފައިއެވެ. ނިމުނު ސަރުކާރުގައި ހުޅުވާލި، ބޯހިޔާވަހިކަމުގެ މަޝްރޫޢުގައި ފޯމު ހުށައެޅި މީހުންނަށް އެންމެ ބޮޑަށް އޮޅުންއަރާ ކަމެއްގެ ގޮތުގައި އޮތީ، މާލޭގައި ދިރިއުޅެފައިވާ މުއްދަތު ގުނުމުގައެވެ.

އެގޮތުން މާލޭގައި މެދުނުކުނޑި 15 އަހަރު ދިރިއުޅެފައިވާ މީހަކަށް ވާންޖެހޭކަމަށް ބުނެފައިވާއިރު، ޒަރޫރީ ޙާލަތެއް ކުރިމަތިވެ، މާލެއިން ބޭރުގައި މަޑުކުރަންޖެހޭ ޙާލަތްތަކުގައި ޢަމަލުކުރާނެ ތަފްސީލީ އުސޫލެއް ކަނޑައެޅިފައެއް ނެތެވެ.

ގިނަ ބަޔަކު ޝަރުތު ހަމަނުވެ، ލިސްޓުން އުނިވާންޖެހުނު އެންމެ ބޮޑު އެއް ސަބަބަކީވެސް މިއީއެވެ. އެކަމަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލުމުން ގިނަ ބަޔަކުވަނީ، ޝަރުތުތައް ކަނޑައެޅިއިރު އެކަން އެންމެ ރަނގަޅަށް ސާފު ނުވާކަމަށް ބުނެފައެވެ. އަދި މި ސަރުކާރުން އައިސް ފްލެޓް ލިސްޓު ރިވިއުކުރިއިރު، ޝަކުވާ ފޯމުގައި ވަނީ މާލޭގައި ދިރިއުޅެފައިވާ މުއްދަތު ބަޔާންކޮށްދިނުމުގައި ލުއިތަކެއްވެސް ދީފައެވެ.

ހަރުދަނާ އުސޫލުތަކަކާއެކު މި ސަރުކާރުންގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އިޢުލާނުކުރީ މިމަހުގެ 16 ވަނަ ދުވަހުއެވެ. މިފަހަރު ސްކީމް އިޢުލާނުކުރިއިރު ވަނީ ދިރިއުޅުމުގެ ޙާލަތު ވަޒަންކުރާނެގޮތާއި އަދި މާލޭގައި ދިރިއުޅުމުގެ މުއްދަތު ގުނާނެ ގޮތް ވަރަށް ތަފްސީލީގޮތެއްގައި ބަޔާންކޮށްފައެވެ.

ސްކީމްގެ ޝަރުތުގައި ބުނާގޮތުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުން ސްކީމަށް ޝަރުތު ހަމަވަނީ މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅޭ ފަރާތްތަކެވެ. ނަމަވެސް ޒަރޫރީ ޙަލަތަކާ ގުޅިގެން މާލެއިން ބޭރުގައި ދިގު މުއްދަތަކަށް ދިރިއުޅެންޖެހޭނަމަ، އެކަން ހުށައަޅާނެ ގޮތްތަކާއި މުއްދަތު ސާބިތުކޮށްދޭނެ ގޮތްތައް ވަނީ ވަރަށް ތަފްސީލީ ގޮތެއްގައި ހިމަނާފައެވެ.

އަންނަނިވި ހާލަތްތަކުގައި އެ މީހަކު މާލޭގައި ދިރިއުޅެމުން ނުދިޔުމަކީ މެދުކެނޑުމެއްކަމުގައި ނުބެލެވޭނެ:

1. ވަޒީފާ ދޭ ފަރާތުގެ ނިންމުމަކުން ނުވަތަ ވަޒީފާގެ ޒިންމާއެއް އަދާކުރުމަށް މާލެއިން ބޭރުގައި ހުންނަންޖެހުން

2. ތަޢުލީމު ޙަސިލުކުރުމަށް ނުވަތަ ޞިއްޙީ ފަރުވާއަށް ނުވަތަ އެފަދަ އެހެން ޒަރޫރީ ސަބަބަކާހުރެ މާލެއިން ބޭރުގައި އެކަށީގެންވާ މުއްދަތަކަށް ހުންނަންޖެހުން

3. މާލެއިން ބޭރުގައި ހުރި މުއްދަތުގައި އެޕްލިކަންޓްގެ އާއިލާ، މާލޭގައި ނުވަތަ ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅެމުން ގެންދިއުން

4. މާލެއިން ބޭރުގައި ހުރި މުއްދަތުގައި އެޕްލިކަންޓްގެ ދަރިން މާލޭގައި ނުވަތަ މާލޭގެ ސަރަޙައްދުގައި ކިޔެވުން ކުރިއަށްގެންދިއުން

5. މާލެއިން ބޭރުގައި ހުރި މުއްދަތުގައި އެޕްލިކަންޓުގެ އަނބިމީހާ/ފިރިމީހާ މާލޭގައި ދިރިއުޅެމުން ދިއުން ނުވަތަ ވަޒީފާ އަދާކުރަމުން ދިނުން

މިކަންކަމުގެ އިތުރުން މާލެއަށް ދިރިއުޅުން ބަދަލުކުރުމަށްފަހު، މާލޭގައި ދިރިއުޅުނު މުއްދަތަށްވުރެ ކުރު މެދުކެނޑުމެއް އައިނަމަވެސް، މާލޭގައި ދިރިއުޅުނު ޖުމްލަ މުއްދަތު 15 އަހަރުވެފައިވާނަމަ، މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުނުކަމުގައި ބެލެވޭނެކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

އުސޫލުގައި މިކަންކަން ހިމަނާފައިވާއިރު، ސަރުކާރުން އިޢުލާނުކުރި ސްކީމްގައި ވަނީ ފުރަތަމަ ފަހަރަށް ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ މީހުންނާއި އަދި މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ މީހުންނަށް 200 ފެލެޓް ކަނޑައަޅާ، ޚާއްސަ ކެޓަގަރީއެއް ހިމަނާފައެވެ.