ޚަބަރު

"މެރިން ހެޗަރީ" ޕްރޮގްރާމް 53 ބައިވެރިން ފުރިހަމަކޮށްފި


  • ބޭސިކް މެރިކަލްޗަރ ޓްރެއިނިން ޕްރޮގްރާމް 4 ބުރަކަށްވަނީ ކުރިއަށް ގެންގޮސްފައި

  • މިއީ މަސްވެރިކަން އިޤްތިޞާދީ ގޮތުން ސިންދަފާތުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް

ފާނަ އާލާ ކުރުމުގެ މަސައްކަތަށް މީހުން ތަމްރީންކުރުމަށް ކުރިއަށްގެންދާ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް"ގެ ދަށުން މިހާތަނަށް 53 މީހުން ތަމްރީނުކުރެވިފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ މަސްވެރިކަމާއި ބެހޭ ވުޒާރާއާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ގުޅިގެން ވަރލްޑް ބޭންކުގެ އެހީގައި ހިންގާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު، ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ވޭތުވެދިޔަ 2 އަހަރު ބޭސިކް މެރިކަލްޗަރ ޓްރެއިނިން ޕްރޮގްރާމްގެ 4 ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ. މިޕްރޮގްރާމްތަކުން މިހާތަނަށް 53 މީހުން ތަމްރީންވެފައިވާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މިޕްރޮގްރާމަކީ މެރިކަލްޗަރގެ ދާއިރާގެ ތަފާތު ބައިތައް ހިމަނައިގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މީގެތެރޭގައި، އެކުއަކަލްޗަރގެ ނިޒާމުތަކުގެ އިތުރުން މައިގަނޑު 4 ބާވަތެއްގެ މަހާއި ދިރުންތައް އާލާކުރުމުގެ ފިލާވަޅުތައް ވަނީ ހިމަނާފައެވެ. އެއީ ފާނަ، ހުއިފިލަނޑާ، ދިވެހި މާގަނޑުމަހުގެ އިތުރުން އިތާމުތް އާލާކުރުމެވެ.

ބޭސިކް މެރިކަލްޗަރ ކޯހުގައި ދަސްކޮށްދެވޭ މައިގަނޑު ބައިތައް:

• އެކުއަކަލްޗަރގެ ނިޒާމުތައް
• ދިރޭ ކާނާ އާލާކުރުން
• މަހުގެ ބަޔޮލޮޖީ
• ފާނަ އާލާކުރުން
• ހުއިފިލަނޑާ އާލާކުރުން
• ދިވެހި މާގަނޑު މަސް އާލާކުރުން
• އިތާމުތް އާލާކުރުން
• މޫދުވިނަ ހަދައި އާލާކުރުން
• އާލާކުރާ ދިރުމަށްޖެހޭ ބަލިތައް ދެނެގަތުމާއި ބަލިތަކުން ރައްކާތެރިކުރުން
• އެކުއަކަލްޗަރ ކުރާއިރު ތިމާވެށި ރައްކާތެރިކުރުން

މި ޕްރޮގްރާމްތަކަކީ ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، އިޤްތިޞާދީ ގޮތުން ސިންދަފާތުކުރުމަށާއި، މި ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ އިސްތިރާޖީ މަސައްކަތްތަކުގެ މުހިންމު ބައެކެވެ. އަދި މިއީ ޤައުމުގެ އިޤްތިޞާދީ ދުވެލި އަވަސްކުރުމާއެކު، މަސްވެރިކަމުގެ ދާއިރާގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ހޯދުމުގެ ބޭނުމުގައި ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.