ދުންފަތުގެ އިސްތިއުމާލުކުރުމާއި ދެކޮޅަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކުގެ އަގުވަޒަންކުރައްވާ "ގުޑް ގަވަރނެންސް އިން ޓޮބޭކޯ ކޮންޓްރޯލް" އިން ޚާއްސަ އިންޓަރގްރިޓީ އެވޯޑެއް ރާއްޖެއަށް އަރުވައިފިއެވެ. މިއެވޯޑު ލިބިގެންދިޔުމަކީ، ރާއްޖެއިން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކޮށް ފާގަތި މުސްތަޤުބަލެއް ދިވެހީންނަށް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ކުރިއެރުމެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.
އިންޓަރގްރިޓީ އެވޯޑާއި ގުޅޭގޮތުން ސަރުކާރުން ވިދާޅުވީ، "ގުޑް ގަވަރނެންސް އިން ޓޮބޭކޯ ކޮންޓްރޯލް- ޖީޖީޓީސީ"އިން އިންޓަރގްރިޓީ އެވޯޑު އަރުވާފައިވަނީ ކޮންފަރެންސް އޮފް ދަ ޕާޓީސް ކޮޕްގެ 11 ވަނަ ސެޝަނުގެ ތެރެއިންކަމަށެވެ. މިއެވޯޑާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގަތީ ރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަލްމާކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ދުންފަތާއި ދެކޮޅަށް ކުރަމުންދާ މަސައްކަތް ބައިނަލްއަޤުވާމީ މައިދާނުން ބަލައިގަންނަމުންދިޔުމާއި، ދެއްވަމުންދާ އެއްބާރުލުމުން ފެނިގެންދަނީ ރާއްޖެއިން މިކަމުގައި ދެގޮތެއް ނުވެ އަޅަމުންދާ ހަރުދަނާ ފިޔަވަޅުތައްކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން ޔަގީންކަމާއެކު ސިޔާސަތުތަކަށް ޢަމަލުކުރަން ފެށުމާއި، ވަކިން ޚާއްސަކޮށް އިލެކްޓްރޯނިކް ސިގިރެޓާއި، ދުންފަތުގެ ބާވަތްތަކުން ނަގަމުންދާ ޑިއުޓީ ބޮޑުކުރުމާއި، ވަކި ޢުމުރަކުން ފެށިގެން ދުންފަތުގެ އިސްތިއުމާލުކުރުން ޤާނޫނަކުން މަނާކުރުމަށް އެޅި ވަރުގަދަ ފިޔަވަޅާއެކު ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ "ފްރޭމްވޯކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް-އެފްސީޓީސީ"ގެ ޤައުމުތަކަށް ނަމޫނާއަކަށް ވެގެން ގޮސްފައިވާކަން އެއިދާރާއިން ފާހަގަކުރައްވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.
"ގުޑް ގަވަރނެންސް އިން ޓޮބޭކޯ ކޮންޓްރޯލް- ޖީޖީޓީސީ"އަކީ ދުންފަތާއި ދެކޮޅަށް ބައިނަލްއަޤުވާމީގޮތުން މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. މިޖަމްޢިއްޔާއަކީ ދުންފަތާއި ދެކޮޅަށް މަސައްކަތްކުރާ އެކި އިދާރާތަކާއި ޤައުމުތަކާއެކު، ދެފުއްފެންނަ ނިޒާމަކާއި، ޒިންމާދާރުކުރުވޭނެ ނިޒަމެއް ޤާއިމުކުރުމަށާއި ދުންފަތުގެ ބާވަތްތައް އުފެއްދުމުގެ ސިނާޢަތާއި ދެކޮޅަށް މަސައްކަތްކުރަމުންދާ ޖަމްޢިއްޔާއެކެވެ.